Ads by Stelco

ޚަބަރު

6 ރަށެއްގެ ޞިއްޙީ މަރުކަޒު ތަރައްޤީކުރުމަށް އަމިއްލަ 3 ކުންފުންޏަކާ ހަވާލުކޮށްފި

6 ރަށެއްގެ ޞިއްޙީ މަރުކަޒު ތަރައްޤީކުރުމަށް އަމިއްލަ 3 ކުންފުންޏަކާ ހަވާލުކޮށްފި

ޞިއްޙީ މަރުކަޒު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

31 ޖުލައި 2025، 07:50

31 ޖުލައި 2025، 07:50

ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމަށް ކުރާ މަސައްކަތުގެ ދަށުން، 6 ރަށެއްގެ ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ސަރުކާރުން ނިންމާފައި ވަނީ ހއ. ވަށަފަރު، ހއ. ތުރާކުނު، ށ. ޅައިމަރު، ނ. މަގޫދޫ، ފ. ބިލެއްދޫ އަދި ދަރަނބޫދޫގައެވެ.

ހއ. ވަށަފަރު އަދި ތުރާކުނު ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އަދި ވަށަފަރު ސިއްޙީ މަރުކަޒުގެ މަސައްކަތުގެ އަގު 4.8 މިލިއަން ރުފިޔާއަށް އަރާއިރު، އެ މަސައްކަތް 210 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. މީގެއިތުރުން ތުރާކުނު ސިއްޙީ މަރުކަޒުގެ އަގަކީ 3.4 މިލިއަން ރުފިޔާއެވެ. އެ މަސައްކަތް ނިންމަން ޖެހެނީ 180 ދުވަހުގެ ތެރޭގައެވެ.

ށ. ޅައިމަގު ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. 4.8 މިލިއަން ރުފިޔާގެ މި މަޝްރޫޢު 180 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެގްރީމެންޓުކޮށްފައެވެ.

ނ. މަގޫދޫ، ފ. ބިލެއްދޫ އަދި ދަރަނބޫދޫ ޞިއްޙީ މަރުކަޒުތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސަމާލު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މީގެތެރެއިން މަގޫދޫ ޞިއްޙީ މަރުކަޒުގެ މަސައްކަތަށް 4.8 މިލިއަން ރުފިޔާ ހޭދަކުރާއިރު، ބިލެއްދޫ ޞިއްޙީމަރުކަޒުގެ މަސައްކަތަށް 4.3 މިލިއަން ރުފިޔާ އަދި ދަރަނބޫދޫ ޞިއްޙީމަރުކަޒުގެ މަސައްކަތަށް 4.8 މިލިއަން ރުފިޔާ ސަރުކާރުން ހޭދަކުރާނެއެވެ.

މި މަޝްރޫޢުތަކުގެ ދަށުން ހުރިހާ ޞިއްޙީ މަރުކަޒުތަކެއްގައި ވެސް އައު ވޯޑުތަކާއި، ލެބޯޓްރީ އާއި ނަރުހުންގެ ސްޓޭޝަން އަދި ސްޓޯރ ރޫމްތައް ޤާއިމްކުރެވޭނެއެވެ. މިއީ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ހިންގާ މަޝްރޫޢުތަކެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން