ޚަބަރު
މަސްތުވާތަކެތީގެ ޤާނޫނުގެ ބިލަށް، މަރުގެ އަދަބާގުޅޭ އިސްލާޙުތައް މިފެށޭމަހު ކުރީކޮޅު ހުށަހެޅޭނެ: ބަންޑާރަނައިބު

ބަންޑާރަ ނައިބު އަޙްމަދު އުޝާމް. ފޮޓޯ: ރައީސް އޮފީސް
މަސްތުވާތަކެތި އެތެރެކުރާ މީހުންނަށާއި ވިއްކާ މީހުންނަށް މަރުގެ އަދަބު ކަނޑައެޅުމާ ބެހޭ އިސްލާހުތައް ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި، މިހާރު ކޮމިޓީ މަރުހަލާގައި އޮތް ބިލު އިތުރަށް ދިރާސާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.
ބަންޑާރަނައިބު އުޝާމް ވިދާޅުވިގޮތުގައި، މި މަސައްކަތް ކުރިއަށްދަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ދިވެހި ފުލުހުންގެ ޚިދުމަތާ އެކުގައެވެ. އަދި ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރާއިރު، އެހެން ޤައުމުތަކުގައި މިކަން ކުރާ ގޮތްވެސް ދިރާސާކުރެވޭނެއެވެ.
މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި، އަލަށް ކޮންޓްރޯލް ކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ތަޢާރަފުކުރުމާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، ޑްރަގް ކޯޓުގެ ހިންގުމުގެ އުސޫލުތައް މުރާޖަޢާކުރުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީސްމީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ކަންކުރާ ގޮތަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށް ނިންމަވާފައެވެ. ސަރުކާރުން މިހާރު އިސްކަންދެނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ވިއުގަތަކުގެ ވެރިން އަތުލައިގަތުމަށެވެ.