ޚަބަރު
އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އަބްދުއްރަހްމާން މަރުވީ ބޮލަށް ލިބުނު އަނިޔާއިން : ފުލުހުން

އއ. މާޅޮސް
މިއަހަރުގެ ޖުލައި 13 ވަނަ ދުވަހު އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި، އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން އާދަމް (އއ. މާޅޮސް، މާހިިޔާ) މަރުވީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް އޮޓޮޕްސީ ވަގުތީ ރިޕޯޓާ ޙަވާލާދީ ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.
އަބްދުއްރަހްމާން މަރާލާފައި އޮއްވައި ފެނުނީ އެރޭ ދަންވަރު އޭނާ ދިރިއުޅެމުން ދިޔަ އއ. މާޅޮސް، މާހިިޔާ ގޭގެ ތެރެއިންނެވެ. އޭރު އެގޭގައި ދިރިއުޅެމުން ދިޔައީ އަބްދުއްރަހްމާނާއި އޭނާގެ އަންހެނުން ނާޒިމާ އިބްރާހީމް އެކަންޏެވެ.
އަބްދުއްރަހްމާންގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްޓަކައި އިންޑިއާގެ ޓްރިވެންޑްރަމަށް ގެންގޮސްފައިވަނީ ޖުލައި 21 ވަނަ ދުވަހުއެވެ. ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، "އަބްދުއްރަހްމާން އާދަމް ނިިޔާވެފައިވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް އަބްދުއްރަހްމާން އާދަމްގެ އޮޓޮޕްސީ ވަގުތީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައި" ކަމަށެވެ.
މި މައްސަލައިގެ ތަހުގީގަށްޓަކައި އަބްދުއްރަހްމާން ދިރިއުޅުނު ގޭގެ ސަރަޙައްދު ބަންދުކޮށްގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް، މިހާތަނަށް މި މައްސަލައިގައި އެކަކުވެސް ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން މިއަދު ވަނީ މައުލޫމާތުދީފައެވެ.
މައްސަލައިގެ ތަހުގީގަށް އަބްދުއްރަހްމާންގެ އަންހެނުން ނާޒިމާގެ ފޯނު ކުރިން ހިފެހެއްޓި ނަމަވެސް، ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފޯނު މިހާރު ވަނީ އަނބުރާދީފައެވެ.
އަބްދުއްރަހްމާންގެ މަރުގެ މައްސަލައިގެ ތަހުގީގުގެ ތެރެއިން، ފުލުހުން ވަނީ އެގެއަށް ވަދެފައި ހުރި އެންމެންގެ އިނގިއްޔާއި ފައިގެ ނިޝާން ނަގައި ސުވާލުކޮށްފައެވެ. އަދި، އެރަށުގައި ހަރުކޮށްފައިވާ ސީސީޓީވީ ފުޓޭޖްތައް ވެސް ވަނީ ބަލައިފައެވެ.
އަބްދުއްރަޙްމާންގެ މަރުގެ ތަހުގީގު ކުރިއަށްގެންދިޔުމަށްޓަކައި މާޅޮހުގައި ފުލުހުންގެ ޚާއްސަ ޓީމެއް ދަނީ ހަރަކާތްތެރިވަމުންނެވެ.