ވިޔަފާރި / ޚަބަރު
މޯލްޑިވްސް ޕޯސްޓުގެ 'ކޮމިއުނިޓީ އޮންލައިން ޝޮޕް': ރަށު އުފެއްދުންތައް އެއް ތަނަކުން

މޯލްޑިވްސް ޕޯސްޓުގެ 'ކޮމިއުނިޓީ އޮންލައިން ޝޮޕް'
ދިވެހިރާއްޖޭގެ ރަށްރަށުގައި އުފައްދާ ތަކެއްޗަށް އޮންލައިންކޮށް ފުޅާ ބާޒާރެއް ހޯދައިދިނުމުގެ މަޤްސަދުގައި، މޯލްޑިވްސް ޕޯސްޓު ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (މޯލްޑިވްސް ޕޯސްޓު) އިން 'ކޮމިއުނިޓީ އޮންލައިން ޝޮޕް' ވަނީ ތައާރަފުކޮށްފައެވެ. މި ޕްލެޓްފޯމަކީ މޯލްޑިވްސް ޕޯސްޓުގެ އީ-ޓުކުރި ޕްލެޓްފޯމް މެދުވެރިކޮށް ހިންގޭ ޚިދުމަތެކެވެ.
'ކޮމިއުނިޓީ އޮންލައިން ޝޮޕް' ގެ މައިގަނޑު މަޤްސަދަކީ، ރަށު ފެންވަރުގައި އުފައްދާ ތަކެތި އޮންލައިންކޮށް ގަނެވިއްކުމަށް ހުރި ހުރަސްތައް ނައްތާލައި، ރާއްޖޭގެ ހުރިހާ ރަށެއްގެ އުފެއްދުންތައް އެއް ތަނަކުން ފޯރުކޮށްދިނުމެވެ. މީގެ ސަބަބުން، އަތްތެރި މަސައްކަތުގެ އުފެއްދުންތަކާއި، ބަންދުކުރެވިފައިވާ ކާބޯތަކެއްޗާއި، އަންނައުނު ފަދަ ތަކެއްޗަށް ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން އޮންލައިން ބާޒާރު ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
މި ޕްލެޓްފޯމުގެ އެހީގައި، ވިޔަފާރިތަކަށް ޕޯސްޓުގެ ޑެލިވަރީ ނިޒާމުގެ ތެރެއިން ރާއްޖޭގެ ކަންކޮޅުތަކަށް އެތަކެތި ޑެލިވަރ ކުރުމުގެ ފުރުސަތު ލިބި، ވިޔަފާރި ފުޅާކުރުމުގެ ދޮރޯށި ހުޅުވިގެންދާނެއެވެ.
ވިޔަފާރިވެރިންނަށް ލިބޭ ފައިދާތައް:
'ކޮމިއުނިޓީ އޮންލައިން ޝޮޕް' ގައި ބައިވެރިވާ ފަރާތްތަކަށް ގިނަ ފައިދާތަކެއް ލިބިގެންދެއެވެ. އެގޮތުން:
• ވިޔަފާރި ރަޖިސްޓަރީކޮށް އޮންލައިންކޮށް ވިޔަފާރި ކުރުން ހިލޭ
• އޮންލައިންކޮށް މުދާ ވިއްކުމުގެ ފުރުސަތު ލިބޭ
• އޮންލައިންކޮށް ފައިސާ ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވޭ
• ޕްރީ-އޯޑަރު ނެގުމަށްފަހު ތަކެތި އުފެއްދުމުގެ ފުރުސަތު ލިބޭ
• ރާއްޖެއާއި ދުނިޔޭގެ އެކި ސަރަހައްދުތަކަށް ވިއްކުމުގެ ފުރުސަތު ލިބޭ
• ވިއްކާ ތަކެތި ދާ މަގު ބެލެވޭނެ (ޓްރެކް ކުރެވޭނެ) ނިޒާމެއް ޤާއިމުކުރެވިފައިވޭ
• ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބޭނުންވާ އެޑްރެހަކަށް ޑެލިވަރކޮށްދެވޭ
މީގެ އިތުރުން، މި ޕްލެޓްފޯމު މެދުވެރިކޮށް، ވިޔަފާރިތަކުގެ އުފެއްދުންތައް ހިލޭ މާކެޓްކޮށް އިސްތިހާރު ކޮށްދިނުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެއެވެ. އަދި އުފައްދާ މުދަލުގެ ފެންވަރު ރަނގަޅުކުރުމަށް ފަންނީ އެހީތެރިކަން ވެސް ލިބިގެންދާނެއެވެ.
ކޮންމެ ރަށަކަށް ޚާއްސަ ފިހާރަ:
އީ-ޓުކުރި ޕްލެޓްފޯމުގައި ކޮންމެ ރަށަކަށް ޚާއްސަ ކުރެވިފައިވާ "ފިހާރައެއް" ހެދިފައި ވާނެއެވެ. މި ފިހާރައިގައި ހިލޭ ބައިވެރިވެވޭނެއެވެ. ބައިވެރިވުމާއި، ވިޔަފާރީގެ އެންމެހައި މަސައްކަތްތައް ކުރިއަށްގެންދިއުމުގައި އެ ރަށަކަށް ޚާއްސަކުރެވިފައިވާ 'ކޮމިއުނިޓީ އޮންލައިން ޝޮޕް މެނޭޖަރ' ގެ އެހީތެރިކަން ލިބިދެވޭނެއެވެ. އަދި ކޮންމެ ރަށެއްގެ ފިހާރައެއްގައި "ކިއޮސްކް" އެއް ވެސް ހުޅުވޭނެއެވެ.
އޯޑަރު ކުރުމުގެ އިންތިޒާމު:
ވިޔަފާރިތަކުން އުފެއްދުންތަކުގެ މައުލޫމާތު، ޕްރީ-އޯޑަރު މުދާ ވަކިވާނެހެން، ހިއްސާކުރަންޖެހޭނެއެވެ. އޯޑަރު ލިބިގަތުމުން އޯޑަރާ އެއްގޮތަށް މުދާ ހަވާލުކުރުމުގެ އިންތިޒާމު ހަމަޖެހިފައިވެއެވެ. ޕްރީ-އޯޑަރު މުދަލެއްނަމަ، އެ މުއްދަތެއްގެ ތެރޭގައި މުދާ ތައްޔާރުކޮށް، ހަވާލުކުރެވޭނެއެވެ.
މި ޕްލެޓްފޯމުގެ ސަބަބުން، ދިވެހިރާއްޖޭގެ ކުދި ވިޔަފާރިތަކަށް ޒަމާނީ ފަސޭހަ ގޮތްތަކެއް ފަހިވެ، އެފަރާތްތަކުގެ އުފެއްދުންތައް ދުނިޔޭގެ ބާޒާރަށް ނެރެވޭނެ އުއްމީދު ބޮޑެވެ.
@farudhun އާންމު ދިރިއުޅުމުގައި ކުރާ ކުޑަ މަސައްކަތަކުންވެސް އާމްދަނީއެއް ހޯދަން ބޭނުންތަ؟
♬ original sound - Farudhun