ދުނިޔެ
ރަޝިޔާގައި އުފެދުނު ބިންހެލުމާ ގުޅިގެން ހަވާއީ އަދި ކެލިފޯނިއާއަށް ސުނާމީ ރާޅު އަރަނީ

ހަވާއީއަށް ސުނާމީގެ އިންޒާރު ދިނުމާއެކު ރައްކާތެރި ސަރަހައްދުތަކަށް ދިޔުމަށް އާންމުން މަގުތަކަށް ނުކުމެ
ރަޝިޔާގެ އިރުމަތީ ސަރަހައްދުގައި އުފެދުނު ވަރުގަދަ ބިންހެލުމަކާ ގުޅިގެން އެމެރިކާގެ ހަވާއީ އަދި ކެލިފޯނިއާގެ ސަރަހައްދުތަކަށް ސުނާމީ ރާޅުތައް އަރައިފިއެވެ.
ނެޝަނަލް ވެދަރ ސަރވިސްއިން ބުނާ ގޮތުގައި ސުނާމީ ރާޅުތައް ކެލިފޯނިއާގެ ސެން ފްރެންސިސްކޯއަށް ކުރިމަތިވެފައިވަނީ ބުދަ ދުވަހުގެ ހެނދުނު 1:12 ގައެވެ. މީގެ އިތުރުން އެރީނާ ކޯވް ސަރަހައްދަށާއި އެހެނިހެން ސަރަހައްދުތަކަށްވެސް ސުނާމީގެ އަސަރު ކުރަމުންދާ ކަމަށް އެ ސަރވިސްއިން މަޢުލޫމާތު ދީފައިވެއެވެ.
ޕެސިފިކް ސުނާމީ ވޯނިންގ ސެންޓަރ (ޕީޓީޑަބްލިއުސީ) އިން ބުނާ ގޮތުގައި ހަވާއީ ޖަޒީރާތަކަށް 1-1.2 މީޓަރުގެ އުސްމިނުގެ ރާޅުތައް ކުރިމަތިވެފައިވެއެވެ. ނަމަވެސް، ބޮޑު ސުނާމީއެއް ސުނާމީއެއްއަރާފާނެ ކަމަށް ނުބެލެވޭ ކަމަށް އެ ސެންޓަރުން ބުނެފައިވެއެވެ.
ހަވާއީގެ ގަވަރުނަރު ޖޯޝް ގްރީން ވިދާޅުވި ގޮތުގައި އަދިވެސް ސަލާމަތްތެރިކަން ކަށަވަރު ނުވާ ކަމަށެވެ. މި ހާދިސާއާ ގުޅިގެން ހަވާއީގެ ހުރިހާ ވިޔަފާރި ބަނދަރުތަކެއް ބަންދުކޮށް، މައުއީ އަށް ކުރަމުންދިޔަ ބައެއް ފްލައިޓްތައްވެސް ވަނީ ކެންސަލްކޮށްފައެވެ.
ރަޝިޔާގެ ކަމްޗަޓްކާ ސަރަހައްދުގައި އުފެދުނު 8.8 ގެ ވަރުގަދަ ބިންހެލުމާ ގުޅިގެން، އެ ސަރަހައްދަށް 4 މީޓަރުގެ އުސްމިނުގެ ރާޅުތައް އަރާފައިވާ ކަމަށާއި، ބައެއް އިމާރާތްތައް ފެނުގެ އަޑިއަށް ގޮސްފައިވާ ކަމަށް ވެއެވެ. އަދި ޖަޕާނުގައިވެސް ގިނަ އަދަދެއްގެ ރައްޔިތުން ސަލާމަތީ ސަރަހައްދުތަކަށް ބަދަލުކުރެވިފައިވެއެވެ.
އެލާސްކާގެ ނެޝަނަލް ސުނާމީ ވޯނިންގ ސެންޓަރުގެ ކޯޑިނޭޓަރު ޑޭވް ސްނައިޑަރ ވިދާޅުވި ގޮތުގައި މި ސުނާމީގެ އަސަރު ގިނަ ގަޑިއިރުތަކަކަށް، އަދި އެއް ދުވަހަށްވުރެ ދިގު މުއްދަތަކަށްވެސް ދެމިގެން ހިނގައިދާނެއެވެ.