ކުޅިވަރު / ދުނިޔެ

މަރަޑޯނާ ލަނޑުޖެހި ބޯޅަ 3.3 މިލިއަން އެމެރިކާ ޑޮލަރަށް ވިކިއްޖެ

މަރަޑޯނާ ލަނޑުޖެހި ބޯޅަ 3.3 މިލިއަން އެމެރިކާ ޑޮލަރަށް ވިކިއްޖެ

މަރަޑޯނާ ލަނޑުޖެހި ބޯޅަ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 އޯގަސްޓު 2026، 04:48

24 އޯގަސްޓު 2026، 04:48

1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ، އިނގިރޭސިވިލާތާ ދެކޮޅަށް ކުޅުނު މެޗުގައި އަތުން ޖެހި މަޝްހޫރު 'ހޭންޑް އޮފް ގޯޑް' ލަނޑު ޖަހަން ބޭނުންކުރި ބޯޅަ ނީލަމެއްގައި 2.5 މިލިއަން ޕައުންޑް (3.3 މިލިއަން އެމެރިކާ ޑޮލަރު) އަށް ވިކިއްޖެއެވެ.

މި ބޯޅަ ވިކިފައިވަނީ އެމެރިކާގެ މަޝްހޫރު ނީލަން ކުންފުންޏެއް ކަމަށްވާ 'ހެރިޓޭޖް އޮކްޝަންސް' އިން ހޮނިހިރު ދުވަހު ބޭއްވި ހާއްސަ ނީލަމެއްގައެވެ. މި ބޯޅަ ގާތްގަނޑަކަށް 10 މިލިއަން ޑޮލަރަށް (7.3 މިލިއަން ޕައުންޑް) އަގުކުރެވުނު ނަމަވެސް، ނީލަން ނިމުނީ ލަފާކުރި އަދަދަށްވުރެ ކުޑަ އަގަކަށެވެ. ނީލަން ފެށުމުގެ ކުރިން ރޮއިޓާސްއަށް މައުލޫމާތު ދެމުން ހެރިޓޭޖްގެ ސްޕެޝަލިސްޓް އޮކްޝަނިއަރ މައިކް ޕްރޮވެންޒޭލް ބުނީ، މިއީ ފުޓްބޯޅައިގެ ތާރީޚުގައި ވެސް ފެންނާނެ އެންމެ ޚާއްސަ އަދި އެއްވަނައިގެ ތާރީޚީ އެއްޗެއް ކަމަށެވެ.

1986 ވަނަ އަހަރުގެ ކުއާޓާ ފައިނަލުގައި އާޖެންޓީނާއިން 2-1 އިން އިނގިރޭސިންގެ މައްޗަށް ކުރިހޯދި މެޗުގައި، މަރަޑޯނާ މި ލަނޑު ކާމިޔާބުކުރީ އިނގިރޭސި ކީޕަރު ޕީޓާ ޝިލްޓަން ބޯމަތިން އަތުން ޖަހައި ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެންނެވެ.  މި މެޗުގައި އޭނާ ވަނީ އިނގިރޭސިވިލާތުގެ ފަސް ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު، 'ގޯލް އޮފް ދަ ސެންޗަރީ' ނުވަތަ ގަރުނުގެ އެންމެ މޮޅު ލަނޑުގެ ގޮތުގައި މަޝްހޫރުވި ދެވަނަ ލަނޑު ވެސް ޖަހާފައެވެ.

މި ތާރީޚީ އެޑިޑާސް އަޒްޓެކާ ބޯޅަ، މެޗު ނިމުމުން ނަގައި 30 އަހަރަށްވުރެ ގިނަ ދުވަހު ރައްކާކޮށްގެން ގެންގުޅުނީ އެ މެޗުގެ ރެފްރީ، ޓިއުނީޝިއާގެ އަލީ ބިން ނާސިރެވެ. އޭނާ ވަނީ މިއީ އެ މެޗުގައި ބޭނުންކުރި ހަމައެކަނި ބޯޅަ ކަމަށް ބަޔާންކޮށް 2023 ގައި ލިޔުމެއްގައި ސޮއިކޮށްފައެވެ. އަދި މިކަން ވަނީ މިނިވަން ތަހުލީލުތަކުން ވެސް ކަށަވަރުކޮށްފައެވެ.

މީގެ ކުރިން 2022 ވަނަ އަހަރު ބިން ނާސިރު ވަނީ މި ބޯޅަ 2.37 މިލިއަން ޑޮލަރަށް (1.74 މިލިއަން ޕައުންޑް) ވިއްކާލާފައެވެ. އޭގެ ފަހުން 2023 ވަނަ އަހަރު އަލުން ނީލަމަށްލީ ނަމަވެސް އެދެވޭ އަގެއް ނުލިބުމުން އޭރު ނުވިކުނެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި މެޗުގައި މަރަޑޯނާ ލައިގެންހުރި ޖާޒީ ވެސް 2022 ވަނަ އަހަރު ވަނީ 7.1 މިލިއަން ޕައުންޑަށް ނީލަމުގައި ވިކިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450