ދުނިޔެ

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް އީރާނުން އިރާގާއެކު ގުޅުން ބަދަހިކުރަން ނިންމައިފި

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް އީރާނުން އިރާގާއެކު ގުޅުން ބަދަހިކުރަން ނިންމައިފި

އިރާން އަދި އިރާޤްގެ އިސްވެރިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 އޯގަސްޓު 2026، 06:30

24 އޯގަސްޓު 2026، 06:30

އެމެރިކާއިން އީރާނާ ދެކޮޅަށް މިހާތަނަށް އަޅާ އެންމެ ހަރުކަށި މާލީ ފިޔަވަޅުތައް އިއުލާނުކުރަން ތައްޔާރުވަމުންދަނިކޮށް، އެކަމާ ކުރިމަތިލައި ގައުމުގެ އިގުތިސާދު ވަރުގަދަކުރާނެ ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުން މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް އާ ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު ދެއްވިތާ އެއް ދުވަސް ފަހުންނެވެ.

ބަޣުދާދުގައި އީރާނާއި އިރާގުގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން އީރާނުގެ ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވީ، ސީދާ އަސްކަރީ ގޮތުން އީރާން ބަލިނުކުރެވުމުން އެމެރިކާއާއި އިސްރާއީލުން މަސައްކަތް ކުރަނީ އިގުތިސާދީ ގޮތުން ދަތިކުރުމަށެވެ. އަދި އެމެރިކާ ޑޮލަރަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި، ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގައި ގައުމީ ފައިސާ ބޭނުންކުރުން އިތުރުކުރުމަށް އޭނާ ގޮވާލެއްވިއެވެ.

ގާލިބާފް ވިދާޅުވީ، "މުސްލިމް ގައުމުތަކުގެ ވަސީލަތްތަކާއި ރޯ މެޓީރިއަލްސްއަށް ބަލައިފިނަމަ، އަހަރެމެންގެ ދުޝްމަނުން އަންނަނީ އެ ތަކެތި ފޭރިގަންނަންކަން އެނގޭނެ. އެހެންކަމުން ބޭއިންސާފު ދަތިކުރުމުގެ ފިޔަވަޅުތަކުން އަރައިގަތުމަށް އަހަރެމެން ޕްލޭންތައް ހަދަންޖެހޭ" ކަމަށެވެ.

އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވި ގޮތުގައި، ތާރީހުގައި ވެސް އީރާނާ ދެކޮޅަށް އަޅާ އެންމެ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތަފްސީލު ހޯމަ ދުވަހު ހާމަކުރާނެއެވެ. މީގެ އިތުރުން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދޭ ކޮންމެ ގައުމަކާ ދެކޮޅަށް 'އިގުތިސާދީ ހަނގުރާމަ' އިއުލާނުކޮށް، ބޮޑެތި ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

މި ނުތަނަވަސްކަމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ފާއިތުވި ތިން ހަފުތާގެ އެންމެ މަތީ މިންވަރަށް އަރާފައެވެ. ދުނިޔޭގެ ތެލުގެ ބޮޑު ބައެއް ދައުރުވާ ހޮރުމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް މި ހަމަނުޖެހުންތަކުގެ ސަބަބުން މިހާރުވެސް ވަނީ ބުރޫއަރާފައެވެ.

އީރާނުގެ ފޮރިން މިނިސްޓްރީން އެމެރިކާގެ ފިޔަވަޅުތައް ސިފަކޮށްފައިވަނީ 'އިގުތިސާދީ ޓެރަރިޒަމް' ގެ ގޮތުގައެވެ. އަދި އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވީ ޓްރަމްޕް މަސައްކަތް ކުރައްވަނީ އެމެރިކާގެ އެތެރޭގެ އިގުތިސާދީ މައްސަލަތަކުން މީހުންގެ ސަމާލުކަން އަނބުރާލުމަށް ކަމަށެވެ.

އީރާނުގެ ތެޔޮ އެންމެ ގިނައިން ގަންނަ ޗައިނާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކަކީ މައްސަލައިގެ ހައްލު ނޫން ކަމަށް ބުނެ، ސިޔާސީ އަދި ޑިޕްލޮމެޓިކް މަގު އިހުތިޔާރު ކުރުމަށް ގޮވާލާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450