Ads by Stelco

ޚަބަރު

އާރްޓީއެލްގެ ފެރީ ޚިދުމަތް ޒޯން 4 ގައި ފެށުމަށް ތައްޔާރު، ރައީސްގެ ވައުދުފުޅަށް އަމަލީ ސިފަ ގެނައުމުގެ މަސައްކަތް ހަލުވިކޮށްފި

އާރްޓީއެލްގެ ފެރީ ޚިދުމަތް ޒޯން 4 ގައި ފެށުމަށް ތައްޔާރު، ރައީސްގެ ވައުދުފުޅަށް އަމަލީ ސިފަ ގެނައުމުގެ މަސައްކަތް ހަލުވިކޮށްފި

އާރްޓީއެލްގެ ފެރީ ޚިދުމަތް ފޮޓޯ: ޓްރާންސްޕޯޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ޖުލައި 2025، 01:44

30 ޖުލައި 2025، 01:44

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެފައިވަނީ، ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރްޓީއެލް) ގެ ފެރީގެ ޚިދުމަތް ޒޯން 4 ގައި ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް މުޅި ރާއްޖެއަށް އާރްޓީއެލްގެ ޚިދުމަތް ފުޅާކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ ކަމެކެވެ.

ޒޯން 4 ގައި ހިމެނޭ އަތޮޅުތަކަކީ މީމު، ފާފު، ދާލު، ތާ އަދި ލާމު އަތޮޅެވެ. މި އަތޮޅުތަކަށް އާރްޓީއެލްގެ ޚިދުމަތް ފުޅާކުރުމަށް އެމްޓީސީސީން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް،  "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ ޢަބްދުﷲ ފާރިޝް ހުސައިން ވިދާޅުވިއެވެ.

ފާރިޝް ވިދާޅުވިގޮތުގައި، ރައީސް ޑރ. މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް މިއަހަރު ނިމުމުގެ ކުރިން މުޅި ރާއްޖޭގައި އެ ޚިދުމަތް ފެށުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން، މިހާރު ޒޯން 4 ގައި އެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

މިހާރު ރާއްޖޭގެ 4 ޒޯނެއްގަ ޚިދުމަތް ފެށިފަ މިވަނީ. ޒޯން 1 އަދި 2 އެންމެ ފަހުން މި ނިމިގެން މިދިޔައީ. ދެން އަޅުގަނޑުމެންގެ މިސްރާބު މިއޮތީ ބާކީ އިން 2 ޒޯނުގެ ތެރެއިން ޒޯން 4އަކާ ދިމާލަށް

ފާރިޝް


މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް ޔާސިރު ވިދާޅުވީ، އާރްޓީއެލްގެ ޚިދުމަތް ރާއްޖޭގެ 4 ޒޯނެއްގައި މިހާރު ފަށާފައިވާކަމަށެވެ. އެގޮތުން، ޒޯން 1 (ހއ، ހދ، ށ އަތޮޅުގެ 41 ރަށް) މިހާރު ނިމިފައިވާއިރު، ބ. އަތޮޅުގައި ޚިދުމަތް ފެށުމާއެކު ޒޯން 2 ވެސް ވަނީ ފުރިހަމަވެފައެވެ. އަދި ޒޯން 5 (ގއ، ގދ އަތޮޅުގެ 18 ރަށް) އާއި ޒޯން 6 (އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ) ގައި ވެސް މިހާރު ޚިދުމަތް ފެށިފައިވާކަމަށް ޔާސިރު ވިދާޅުވިއެވެ.

ޔާސިރު އިތުރަށް ވިދާޅުވީ، އާރްޓީއެލްގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި، އެ ވުޒާރާއިންވެސް ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށެވެ. އެގޮތުން، އެކި ރަށްރަށުގައި ފެރީ ޓާމިނަލްތައް އެޅުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން މިހާތަނަށް ޖުމްލަ 27 ޓާމިނަލެއް އަޅާފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި ޚިދުމަތަށް ބޭނުންވާ އިތުރު ފެރީތައް ބަނުމުގެ މަސައްކަތްތަކާއި، ފެރީ ސްޓޮޕްތަކާއި، ހަބް ޓާމިނަލްގެ އިތުރުން ފެރީ ޓާމިނަލްތައް އެޅުމުގެ މަސައްކަތްވެސް އެ ވުޒާރާއިން ކުރައްވަމުންދާކަމަށެވެ.

ރ. އުނގޫފާރުގައި ހަބް ޓާމިނަލެއް އެޅުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށާއި، މިހާރު އެމަސައްކަތުގެ މޯބަލައިޒޭޝަން ފަށާފައިވާކަމަށް ޔާސިރު ވިދާޅުވިއެވެ.

ރާއްޖޭގެ 11 އަތޮޅެއްގެ 110 ރަށެއްގައި މިހާރު ވަނީ އާރުޓީއެލްގެ ޚިދުމަތް ފަށަފާއެވެ. މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އާރްޓީއެލް ފެރީ ޚިދުމަތް ފެށުމަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދެކެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން