Ads by Stelco

ޚަބަރު

ލ. މާވަށު މާރާމާރީގައި މަރުވި މޫސާ އިބްރާހީމްގެ ހަށިގަނޑު އޮޓޮޕްސީއަށް ރާއްޖެއިންބޭރަށް ފޮނުވަނީ

ލ. މާވަށު މާރާމާރީގައި މަރުވި މޫސާ އިބްރާހީމްގެ ހަށިގަނޑު އޮޓޮޕްސީއަށް ރާއްޖެއިންބޭރަށް ފޮނުވަނީ

މޫސާ އިބްރާހީމް ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ޖުލައި 2025، 12:26

30 ޖުލައި 2025، 12:26

ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި މޫސާ އިބްރާހީމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ތަހުޤީގީ ޓީމުން ނިންމައިފިއެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ވިދާޅުވީ، މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ ހިންގި މާރާމާރީގައި ނިޔާވީ އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމް ކަމަށެވެ. މޫސާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ހާމަކުރައްވާފައެވެ. މިއީ މަރުގެ ހަޤީޤީ ސަބަބު ދެނެގަތުމަށްޓަކައި ކުރެވޭ ކަމެކެވެ.

މި މައްސަލައާ ގުޅިގެން، މޫސާ އިބްރާހީމް މަރާލިކަމަށް ތުހުމަތުކުރެވޭ ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ 29 އަހަރުގެ މުޙައްމަދު އިބްރާހީމް، ފުލުހުން ވަނީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައެވެ. ފުލުހުން ވިދާޅުވެފައިވަނީ އޭނާއަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.

މި މާރާމާރީ ހިންގުމަށް ބޭނުންކުރިކަމަށް ބެލެވޭ ވަޅި، ފުލުހުން ވަނީ މޫދަށް ފީނައިގެން ހޯދައިފައެވެ. މި މައްސަލަ އިތުރަށް ތަހުޤީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން