ޚަބަރު
ސްރީލަންކާގެ ރައީސް އާއި އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު ބައްދަލުކުރައްވައިފި

އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރު ސަޢީދު އަދި ސްރީލަންކާގެ ރައީސް އަނޫރާ. ފޮޓޯ: ވުޒާރާ
ރާއްޖެއަށް ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން އުޅުއްވާ ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނާޔަކާގެ އަރިހަށް އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ކުރުނބާ މޯލްޑިވްސްގައި ބޭއްވުނު މި ބައްދަލުވުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، ބަދަލުވަމުން އަންނަ ބައިނަލްއަޤްވާމީ ވިޔަފާރީގެ މާޙައުލުގައި ދެ ޤައުމުން އިސްތިރާޖީ ގޮތުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާ މެދުވެސް ވަނީ މަޝްވަރާކުރެވިފައެވެ.
އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުރުން މި ބައްދަލުވުމުގައި އިޤްތިޞާދީ މިނިސްޓްރީގެ އިސް އޮފިޝަލުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއް ކަމުގައި ބެލެވެއެވެ.
ސްރީލަންކާގެ ރައީސްގެ މި ދަތުރުފުޅުގައި، ވިޔަފާރި އާއި އިޤްތިޞާދީ ދާއިރާގެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އެކި ފެންވަރުގެ މަޝްވަރާ ބައްދަލުވުންތައް ކަމާ ގުޅުންހުރި އެކި ފަރާތްތަކާއެކު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.