ޚަބަރު
ޣައްޒާއަށް ކުރިމަތިވެފައިވާ ބަނޑުހައިހޫނުކަމާ ދެކޮޅަށް ކަނބަލުން ހިމޭން އިޙްތިޖާޖެއް ބާއްވަނީ

ޣައްޒާ ބަނޑަށް މަރުވަނީ އިޙްތިޖާޖްގެ ޕޯސްޓަރެއް
"ޣައްޒާ ބަނޑަށް މަރުވަނީ" މި ނަމުގައި 1 އޮގަސްޓު 2025 ވާ ހުކުުރު ދުވަހު ކަނބަލުންގެ ހިމޭން އިޙްތިޖާޖެއް ބޭއްވުމަށް ތައްޔާރުވަމުން އެބަދެއެވެ.
މި އިޙްތިޖާޖަކީ ދިވެހި ކަނބަލުން ތަކެއް އިސްނަގައިގެން އިސްރާ އެސޯސިއޭޝަންގެ އެއްބާރުލުމާއިއެކު ބޭއްވުމަށް ތައްޔާރުވަމުންދާ އިޙްތިޖާޖެކެވެ. އިޙްތިޖާޖް ފެށުމަށް ހަމަޖެހިފައިވަނީ ހުކުުރު ދުވަހު 16:15 ގައި ރަސްފަންނު ސަރަޙައްދުންނެވެ. އިޙްތިޖާޖްގެ ބައިވެރިން ހަމަހިމޭން ކަމާއެކު ކުރިއަށްދާއިރު މަޖީދީމަގުގެ ހަތަރު ތަނަކަށް މަޑުކުރާނެއެވެ. އަދި އިޙްތިޖާޖް ނިންމުމަށް ހަމަޖެހިފައިވަނީ ހެންވޭރު އާޓިފިޝަލް ބީޗަށެވެ.
މި އިޙްތިޖާޖް އިންތިޒާމް ކުރައްވާ ބޭފުޅުން ވިދާޅުވީ މި އިޙްތިޖާޖަކީ ކާބޯތަކެއްޗަށް ޖެހި ޣައްޒާގެ ދަރިން މަރުވަމުންދާއިރު އެ މަންޒަރު ހިތްދަތިކަމާއެކު ބަލަން ތިބި އެ ކުދިންގެ މައިންނާއެކު ދިވެހި މައިން ތިބިކަން ދައްކުވައިދިނުމަށް ބާއްވާ އިޙްތިޖާޖެއް ކަމަށެވެ.
ހަމަމިއާއެކު ޣައްޒާގެ މި ވަގުތުގެ ނިކަމެތި ޙާލަތު ބަލަން ކެތް ނުވެގެން، ދިވެހިންގެ މި ޤައުމު ކިތަންމެ ކުޑަޔަސް، ކިތަންމެ ދުރުގައި ތިއްބަސް، އަޚުވަންތަ ކަމުގެ ލޯބީގެ ކުލުނުގެ ވޭން ލިބޭތީ، އެ އަޚުންނާ އުޚްތުންނާ އެކުގައި ތިބިކަން ދުނިޔެއަށް ދައްކައިދޭން ބޭނުންވާތީ ހިންގާލުމެއްގެ ސިފައިގައި ޝުޢޫރު ފާޅު ކުރަން ބާއްވާ އިޙްތިޖާޖެއް ކަމަށް އިންތިޒާމްކުރާ ފަރާތުން ހާމަކުރެއެވެ.
މި އިޙްތިޖާޖް ލީޑް ކުރާނީ ކަނބަލުންނާއި ކުޑަކުދިންނެވެ.
މި އިޙްތިޖާޖަށް ވަޑައިގަންނަވާއިރު އަމިއްލަފުޅަށް ޕޯސްޓަރު ތައްޔާރުކުރައްވައިގެން ގެނެވިދާނެއެވެ. އަދި ފަލަސްޠީނުގެ ދިދަވެސް ގެނެވިދާނެއެވެ. އިޙްތިޖާޖް އިންތިޒާމް ކުރައްވާ ފަރާތްތަކުން އެންމެ ބޮޑަށް އެދިވަޑައިގަންނަވަނީ ހުސް ތެލި އަދި ތަށި އަދި ސަމްސާ އެއްޗެހި ހިއްޕަވައިގެން ވަޑައިގެންނެވުމަށެވެ.
އެއީ ޣައްޒާގެ އެތެރެއިން ދުނިޔެއަށް މައުލޫމާތު ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ބިސާން އަވްދާ ފަށައިފައިވާ "ބޭންގް ދަ ޕޮޓް" ތަމްސީލުކުރުމަށެވެ.
އިޙްތިޖާޖް އިންތިޒާމްކުރާ ފަރާތްތަކުން އެދި ވަޑައިގަންނަވަނީ ޣައްޒާގެ ބަނޑުހައިވެފައިވާ މުސްލިމުންގެ އަޑު ދުނިޔެއަށް އިއްވުމަށް ވީހާވެސް ގިނަ އަންހެން ބޭފުޅުންނާއި ކުޑަކުދިން ހުކުރުދުވަހު ބޭއްވޭ މި އިޙްތިޖާޖްގައި ބައިވެރިވެ ވަޑައިގަތުމަށެވެ.