ޚަބަރު
ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމަށް އަންނައިރު ލިޔެކިޔުންތަކަށް ސަމާލުވުމަށް އެފްޑީސީން އެދިއްޖެ

ފްލެޓް އެއްބަސްވުމުގައި ސޮއިކުރުން ފޮޓޯ: އެފްޑީސީ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް ވަޑައިގަންނަވާއިރު ބޭނުންވާ ލިޔެކިޔުންތަކަށް ސަމާލުވުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިލްތިމާސްކުރައްވައިފިއެވެ. މިނިވަންދުވަހާ ގުޅިގެން ސަރުކާރު ބަންދުވުމުގެ ސަބަބުން މެދުކަނޑާލާފައިވާ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް މިއަދުވަނީ އަލުން ފަށާފައެވެ.
އެފްޑީސީން ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން 2665 މީހެއްގެ ނަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އެއްބަސްވުން އެކުލަވާލުމަށްޓަކައި އެ ކޯޕަރޭޝަނަށް ފޮނުވާފައިވާކަމަށެވެ. މި ފަރާތްތަކާއެކު އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް މިދިޔަ ހަފްތާގެ ހޯމަ ދުވަހު ފަށާފައިވާއިރު، ރާއްޖޭގެ 60 ވަނަ މިނިވަންދުވަހާ ގުޅިގެން ސަރުކާރު ބަންދުވުމުން އެ މަސައްކަތްވަނީ މެދުކަނޑާލާފައެވެ. ނަމަވެސް، މިއަދުން ފެށިގެން އަލުން އެއްބަސްވުމުގައި ސޮއިކުރަން ފަށާފައިވާއިރު، މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހާއި ހަމައަށް 92 ފަރާތަކާއެކު އެއްބަސްވުން ވަނީ ޤާއިމުކޮށްފައެވެ.
ފަރުދުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވިދާޅުވީ، އެއްބަސްވުމުގައި ސޮއިކުރުމަށް އަންނަ ފަރާތްތަކުން ބައެއް ކަންކަމަށް ސަމާލުވުން މުހިންމުކަމަށެވެ. އެގޮތުން، އެގްރީމަންޓުގައި ސޮއިކުރަން އަންނައިރު އައިޑީކާޑުގެ ސާފު 2 ކޮޕީ ގެނައުމަށް އަންގާފައިވީނަމަވެސް ބައެއް ފަރާތްތަކުން ކޮޕީ ނުގެންނަކަން އެފްޑީސީން ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، އެއްބަސްވުން އެކުލަވާލާ ފަރާތްތަކުގެ އެޑްރެސް ނުވަތަ ނަމްބަރު ބަދަލުވެފައިވާނަމަ، އެކަން ދުރާލާ އެފްޑީސީއަށް އީމެއިލްގެ ޒަރިއްޔާއިން އެންގުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ. މީގެއިތުރުން، އެގްރީމަންޓު ހަދާ ފަރާތަށް ހާޒިރުނުވެވޭ ޙާލަތްތަކުގައި ޕަވަރ އޮފް އެޓަރނީ އެހެން ފަރާތަކަށް ޙަވާލުކުރަންޖެހޭނެކަމަށާއި، އެއީ ނޮޓޮރައިޒްޑް ޕަވަރ އޮފް އެޓަރނީއެއްކަން ކަށަވަރުކުރުމަށް އެފްޑީސީން އިލްތިމާސްކުރައްވައެވެ. އަދި މިވީ ދުވަސްތަކުގައި އެއްބަސްވުމުގައި ސޮއިކުރުމަށް އަންނައިރު ހެކިވެރިޔާގެ ބަދަލުގައި ފޯމުގައި ހިމަނާފައިވާ ޒިންމާދާރު ފަރާތް ގެންނަކަން ފާހަގަކުރެވޭކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.
އެފްޑީސީން ވިދާޅުވީ، މިކަންކަމަކީ ފްލެޓު އެއްބަސްވުން އެކުލަވާލުމަށް ހޭދަވާ ވަގުތު އިތުރުވެގެންދާ ސަބަބުތަކެއްކަމަށެވެ. ބޭނުންވާ ލިޔެކިޔުންތައް ހަމައަށް ގެނެސް އިތުރު މައްސަލައެއް ދިމާނުވާނަމަ، ގާތްގަނޑަކަށް 20 މިނިޓު ތެރޭގައި އެގްރީމަންޓްގައި ސޮއިކުރުމުގެ މަސައްކަތް ނިމޭނަކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.
އެއްބަސްވުންތަކުގެ މަސައްކަތް އަވަސްކުރުމަށް ހުޅުމާލޭ ސިންތެޓިކް ޓްރެކް ސަރަޙައްދުގައި 8 ކައުންޓަރުންދަނީ ޚިދުމަތްދެމުންނެވެ. ރަސްމީ ބަންދު ދުވަސް ނޫން ކޮންމެ ދުވަހެއްގެވެސް ހެނދުނު 9 އަކުން ހަވީރު 4 ޖެހުމާހަމައަށް މިމަސައްކަތް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން، ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ހުރިހާ އެއްބަސްވުމެއްގައި ސޮއިކޮށް ނިމުމަށް އެފްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ.