ވިޔަފާރި / ޚަބަރު
ހަލާލް ފަތުރުވެރިކަމަށް ހުޅުވާލި ރަށްތަކަށް ބޮޑު ތަރުހީބެއް: އިންވެސްޓަރުންނަށް ގިނަ ލުއިތަކެއް

ރާއްޖެއަށް ޒިޔާރަތްކުރާ ބައެއް ފަތުރުވެރިން ފޮޓޯ: ކޮރަލް ގްލާސް
ދިވެހިރާއްޖޭގައި ހަލާލް ފަތުރުވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން ހުޅުވާލި ރަށްތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މި ރަށްތަކަށް އިންވެސްޓަރުންގެ ޝައުގުވެރިކަން ބޮޑުވެފައިވަނީ، ސަރުކާރުން ގިނަ ލުއިތަކަކާއެކު މި ރަށްތައް ހުޅުވާލާފައިވާތީ ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ.
ދިވެހިރާއްޖޭގައި ހަލާލް ފަތުރުވެރިކަން ތައާރަފްކުރުމަށް ސަރުކާރުން ނިންމަވައި، ރާއްޖޭގެ 5 ސަރަހައްދެއްގައި ހަލާލް ޓުއަރިޒަމް ތަރައްޤީކުރުމަށް ކަނޑައަޅާފައިވެއެވެ. މި 5 ސަރަހައްދުން ކޮންމެ ސަރަހައްދަކުން 1 ރަށް، މިއީ އިންވެސްޓްމަންޓަށް މިދިޔަ މަހުގެ ތެރޭގައި ސަރުކާރުން ހުޅުވާލި ރަށްތަކެކެވެ.
ހަލާލް ފަތުރުވެރިކަމަށް ހުޅުވާލާފައިވާ ރަށްތަކަކީ:
- ހއ. ބީނާފުށި، ހއ. ކަނޑާލިފިނޮޅު
- ހދ. މަކުނުދޫ ފަރު
- ށ.ފުށިފަރު
- ތ. މާގުޅި
- ލ.ފޮނަގާދޫ
މިހާރު ދަނީ މި ރަށްތަކަށް ބިޑަށް ހުޅުވާލައިގެން މައުލޫމާތުދިނުމުގެ ސެޝަންތަކެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، ހަލާލް ފަތުރުވެރިކަމަށް ހުޅުވާލާފައިވާ ރަށްތަކަށް މައުލޫމާތު ސާފުކުރުމަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށާއި، މައުލޫމާތުދިނުމުގެ ފުރަތަމަ ސެޝަންގައިވެސް ވަރަށް ގިނަ ސުވާލުތައް އެ ވުޒާރާއާއި އަމާޒުވިކަމަށެވެ. މައުލޫމާތު ދިނުމުގެ 2 ވަނަ ސެޝަން އޮންނާނީ އަންނަ އޮގަސްޓް މަހުގެ 3 ވަނަ ދުވަހުއެވެ.
ހަލާލް ފަތުރުވެރިކަމަށް ރަށްތައް ދޫކުރަނީ ވަރަށް ގިނަ ލުއިތަކާއެކުއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، އޯޕަން ބިޑިންއަށް ހުޅުވާލާފައިވާ މި ރަށްތަކަށް އިކުއިޒިޝަން ފީ އާއި ކޮސްޓް 5 ނުވަތަ 6 އަހަރަށް ބަހާލައިގެން ދެއްކޭނެއެވެ. މީގެ އިތުރުން، ހަލާލް ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ޑިއުޓީވެސް ކަނޑައަޅާފައިވަނީ %20 ހަމައަށް މައާފްކުރެވޭގޮތަށެވެ. މިހާރު ހުރި ރިސޯޓްތަކުގެ ޑިއުޓީ %5 އާއި ހަމައަށް މައާފްކުރެވޭއިރު، މި ލުއިތަކަކީ އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުކުރާނެ ކަމެއްކަން ވުޒާރާއިން ފާހަގަކުރައްވައެވެ.
ހަލާލު ޓޫރިޒަމް މަޝްރޫއު ހިންގަން ބޭނުންވާ ފަރާތްތަކުން އަންނަ ޖުލައި 15 އިން އޮގަސްޓް 4 ވަނަ ދުވަހުގެ ނިޔަލަށް ޝައުގުވެރިކަން ފާޅުކުރެވޭނެއެވެ. އަދި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހެވެ.
ހަލާލް ނުވަތަ އިސްލާމިކް ޓުއަރިޒަމަކީ މުސްލިމުންނަށް ހާއްސަކޮށް އިސްލާމް ދީނުގެ އަސާސްތަކާއި ފުށުނާރާނެހެން، އެފަދަ އަސާސްތަކަށް އިސްކަންދީގެން ފަތުރުވެރިކަމުގެ ޚިދުމަތްތައް ދިނުމެވެ. ސަރުކާރުން ވިދާޅުވީ، ހަލާލް ޓޫރިޒަމް ތަރައްޤީކުރާނީ ފަތުރުވެރިންނަށް ތަފާތު ގިނަ ޚިދުމަތްތައް ލިބޭނެގޮތައް ކަމަށެވެ. އެގޮތުން މި ރަށްތައް ތަރައްޤީވެގެން އަންނައިރު، ފަތުރުވެރިންނަށް ނަމާދުކުރެވޭނެ މިސްކިތްތައް ހުންނާނެއެވެ. އަދި މި ރަށްރަށަށް ބަނގުރަލާއި، އޫރުމަސް އެތެރެކުރުން މަނާވާނެއެވެ. މީގެ އިތުރުން، މިތަންތަނުން ތައްޔާރުކުރާ ކެއުންތަކުގައިވެސް އެއްވެސް ވަރަކަށް މިފަދަ ބާވަތްތައް އެކުލެވިފައި ނުހުންނާނެއެވެ. މި ރިސޯޓްތަކުގެ މުވައްޒަފުންގެ ހެދުންއެޅުންވެސް ހުންނާނީ އިސްލާމީ މިންގަނޑުތަކާއި އެއްގޮތަށްކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.