Ads by Stelco

ޚަބަރު

ސްކޮލަރޝިޕްތަކަށް މިހާތަނަށް 344 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފި

ސްކޮލަރޝިޕްތަކަށް މިހާތަނަށް 344 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފި

ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ތެރެއިން ފޮޓޯ:ޤައުމީ ޔުނިވަރސިޓީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 ޖުލައި 2025، 12:47

29 ޖުލައި 2025، 12:47

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން އާންމުކުރެއްވި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، 2024 ވަނަ އަހަރުން ފެށިގެން މިހާތަނަށް ސްކޮލަރޝިޕް ސްކީމުގެ ދަށުން މަތީ ތަޢުލީމު ހާސިލްކުރާ ދަރިވަރުންނަށް 344 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް އެކަނިވެސް 95.3 މިލިޔަން ރުފިޔާ ސްކޮލަރޝިޕްތަކަށް ޚަރަދުކުރެވިފައިވާއިރު، މި އަދަދު ހިމެނެނީ ޖުމްލަ 45 ދަރިވަރުންނަށް ދީފައިވާ އެހީތެރިކަމެވެ. އެގޮތުން 34 އަންހެން ކުދިންނާއި 11 ފިރިހެން ކުދިންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދެވިފައެވެ. މީގެއިތުރުން، މިއަހަރުގެ މިހާތަނަށް 48 ދަރިވަރުން ސްކޮލަރޝިޕް ސްކީމުގެ ދަށުން މަތީ ތަޢުލީމު ހާސިލްކޮށް ނިންމާފައިވާކަމަށް ވުޒާރާއިން ވިދާޅުވެއެވެ. މި އަދަދުތަކުގެ ތެރޭގައި 30 އަންހެން ކުދިންނާއި 18 ފިރިހެން ކުދިން ހިމެނެއެވެ

އާންމުކުރެވުނު ތަފާސްހިސާބުތައް އިތުރަށް ބަލާއިރު، 2024 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޖުމްލަ 93 ސްކޮލަރޝިޕް ސްކީމަކަށް 344 މިލިޔަން ރުފިޔާ ވަނީ ޚަރަދުކުރެވިފައެވެ. އަދި މި ސްކީމްތަކުގެ ދަށުން މިހާރުވެސް 268 ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދާކަމަށް ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ ތެރޭގައި 176 އަންހެން ކުދިންނާއި 80 ފިރިހެން ކުދިން ހިމެނެއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ވިދާޅުވާގޮތުގައި، ސްކޮލަރޝިޕް ސްކީމުގެ ދަށުން މިހާތަނަށް 357 ދަރިވަރުން ވަނީ މަތީ ތައުލީމު ހާސިލްކޮށް ނިންމާފައެވެ. އެއީ 220 އަންހެން ކުދިންނާއި 137 ފިރިހެން ކުދިންނެވެ. މި ތަފާސްހިސާބުތަކުން ދައްކާގޮތުން، ދިވެހިރާއްޖެ ހިމެނޭހެން ދުނިޔޭގެ 20 ޤައުމެއްގައި ޖުމްލަ 607 ދަރިވަރަކު މިހާރުވެސް ސްކޮލަރޝިޕްގެ އެހީގައި ތަޢުލީމު ހާސިލުކުރަމުންދެއެވެ.

ސަރުކާރުން ދެއްވާ ހައި އެޗީވަރސް ސްކޮލަރޝިޕްއާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕްތަކުގެ އިތުރުން، އެކި ޤައުމުތަކުންވެސް ދިވެހި ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުޞަތުތައް ލިބެމުންދެއެވެ. މިއީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ދެމުންދާ އެހީތެރިކަމުގެ ހެއްކެކެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން