Ads by Stelco

ޚަބަރު

ލަންކާއާއި ރާއްޖެ ގުޅިގެން ދެމެހެއްޓެނިވި ތަރައްޤީއަކަށް މަސައްކަތްކުރުމުން ފާގަތިކަން ލިބޭނެ: ރައީސް މުޢިއްޒު

ލަންކާއާއި ރާއްޖެ ގުޅިގެން ދެމެހެއްޓެނިވި ތަރައްޤީއަކަށް މަސައްކަތްކުރުމުން ފާގަތިކަން ލިބޭނެ: ރައީސް މުޢިއްޒު

ސްރީލަންކާގެ ރައީސް ޑިސަނަޔަކަގެ ޝަރަފުގައި ބޭއްވެވި ފުރަމަނާ ޖާފަތުގެ ތެރެއިން ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 ޖުލައި 2025، 10:28

28 ޖުލައި 2025، 10:28

ދިވެހިރާއްޖެއާއި ސްރީލަންކާ ގުޅިގެން ދެމެހެއްޓެނިވި ތަރައްޤީއަކަށް މަސައްކަތްކުރުމުން ދެ ޤައުމުގެ ރައްޔިތުންނަށް ފާގަތިކަމާއި ކުރިއެރުން ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއްގައި ވަޑައިގެން އުޅުއްވާ ސްރީލަންކާގެ ރައީސް ޑިސަނަޔަކަގެ ޝަރަފުގައި ބޭއްވެވި ފުރަމަނާ ޖާފަތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ފުރަމާނަ ޖާފަތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ، ލަންކާއާއި ރާއްޖެއަކީ މީގެ އެތައް ޒަމާނެއްކުރިން ފެށިގެން ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ރައްޔިތުންތަކެއް އުޅޭ ދެ ޤައުމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ލަންކާގައި އެކި ބޭނުންތަކަށް ގިނަ ދިވެހިން ދިރިއުޅެމުންދާއިރު، ލަންކާއިން ދިވެހި ރައްޔިތުންނަށް އަދާކުރަމުންދާ މެހެމާންދާރީގެ ސަބަބުން، އެ ޤައުމަކީ ދިވެހިންނަށް އަމިއްލަ ވަޒަންފަދަ ޤައުމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ކުރިއެރުމަށް އަބަދުވެސް ސްރީލަންކާގެ ފަރާތުން އެހީތެރިކަން ލިބެމުންދާކަން ފާހަގަކުރެއްވިއެވެ. އެގޮތުން، ތަޢުލީމީ ދާއިރާއާއި ސިއްޙީ ދާއިރާ އަދި މީހުން ބިނާކުރުމުގެ ދާއިރާއިން ބޮޑު އެހީތެރިކަމެއް އެ ޤައުމުން ލިބެމުންދާކަން ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި ފަތުރުވެރިކަން، ޑިޖިޓަލް ޓެކްނޮލޮޖީ، ސެކިއުރިޓީ ކޯޕަރޭޝަން އަދި ސަޤާފީގޮތުންވެސް ގުޅުންތައް އިތުރަށް ބަދަހިވެފައިވާ ކަމަށެވެ. އަދި، އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާތަކުން ގުޅިގެން ކުރެވޭ މަސައްކަތްތައް ފުޅާކުރެވިފައިވާ ކަމަށާއި، މިހާރު ދެ ޤައުމުގެ މަސައްކަތްތައްވެސް ބައްޓަންކުރަމުންދަނީ، ބަދަލުވަމުން އަންނަ ދުނިޔެއާ އެއްހަމައެއްގައި މަސައްކަތްކުރުމަށް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ސްރީލަންކާއާއި ރާއްޖެއާ ދެމެދު ޤާއިމްކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން، ރާއްޖެއަށް މުހިންމު އެކި ދާއިރާތަކުން ކުރިއެރުމާއި ތަރައްޤީ ލިބުމަށް މަގުފަހިވެގެންދާނެކަމަށާއި، ދެ ޤައުމު ގުޅިގެންކުރާ މަސައްކަތުން ދެމެހެއްޓެނިވި ތަރައްޤީއަކަށް ވާސިލުވެވޭނެކަން ޔަޤީންކުރައްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ ދިވެހިރާއްޖެއާއި ސްރީލަންކާގެ ގުޅުން އެ ގޮތުގައި ދެމިއޮތުމަށާއި، އަދި ސްރީލަންކާގެ ރައްޔިތުންނަށް އުފާ ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.

މިއަހަރަކީ ދިވެހިރާއްޖެއާ ލަންކާގެ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބާއަށްވާއިރު، މިއީ ލަންކާގެ ރައީސް ޑިސަނަޔަކަ ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުވެސްމެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން