ޚަބަރު
މޯލްޑިވިއަން ބޯޓުތަކުގައި ތާނައިން 'ދިވެހިރާއްޖެ' ޖަހާންފެށުމުން، ވަޒީރު އާދަމް ނަޞީރު މަރުޙަބާ ވިދާޅުވެއްޖެ

ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ފޮޓޯ: އެޑިޝަން
ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ބޯޓުތަކުގެ ބޭރުގައި ދިވެހިބަހުން ތާނަ އަކުރުން 'ދިވެހިރާއްޖެ' ލިޔަން ފަށައިފިއެވެ. މިކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައިވެއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އެމަނިކުފާނުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "މޯލްޑިވިއަންގެ ބޯޓުތަކުގައި ދިވެހިރާއްޖޭގެ ނަން ތާނައިން ލިޔުއްވުމަކީ ދިވެހިވަންތަކަމުގެ ދާއިރާއިން ކުރިޔަށް އެޅުއްވި، ވަރަށް އުންމީދީ އުފާވެރި ފިޔަވަޅެއް" ކަމަށެވެ. އަދި މިކަމަށްޓަކައި ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
މޯލްޑިވިއަނުން ވަނީ މި ބަދަލު އެ އެއަރލައިންގެ ހުރިހާ ބޯޓަކުން ވެސް ފެނިގެންދާނެ ކަމަށް ހާމަކޮށްފައޮށްފައެވެ. އަދި މިއީ ދިވެހީންގެ އަމިއްލަވަންތަކަމާއި ޤައުމީ އެއަރލައިން ގުޅިފައިވާ މިންވަރު ދައްކުވައިދޭ މުހިންމު ބަދަލެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމަށް މި އަހަރު 60 އަހަރު ފުރޭއިރު، މި ބަދަލުގެ ސަބަބުން ދިވެހީންގެ މިނިވަންކަމާއި އިސްތިޤްލާލު އަދި އެއްބައިވަންތަކަމާއި އަމިއްލަވަންތަކަން ރަމްޒުކޮށްދޭކަމަށް ޤައުމީ އެއަރލައިނުން ވަނީ އިތުރަށް ފާހަގަކޮށްފައެވެ.