ޚަބަރު
މޯލްޑިވިއަންގެ ބޯޓުތަކުގައި ތާނަ އަކުރުން 'ދިވެހިރާއްޖެ'

މޯލްޑިވިއަންގެ ފްލައިޓެއް. ފޮޓޯ: އެމްއޭސީއެލް
ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް ޤައުމީ އެއަރލައިން މޯލްޑިވިއަންގެ މަތިންދާ ބޯޓުތަކުގެ ބޭރުގައި ތާނަ އަކުރުން "ދިވެހިރާއްޖެ" ލިޔުމަށް ނިންމައި، އެ މަސައްކަތް ފަށައިފިއެވެ.
މޯލްޑިވިއަންގެ ލިވަރީއަށް ގެނެވުނު މި އައު ބަދަލާއެކު، ބޯޓުތަކުގެ ބޭރުގައި ޤައުމީ ދިދައާއެކު ތާނަ އަކުރުން "ދިވެހިރާއްޖެ" ލިޔެފައި ހުންނާނެއެވެ. މިހާރުވެސް މި ބަދަލު އެއަރލައިންގެ ވައިޑް ބޮޑީ މަތިންދާ ބޯޓަށް ވަނީ ގެނެސްފައެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލުން ފުރަތަމަ ޚިދުމަތް ހޯދި ބޯޓެވެ.
މިއީ ދިވެހި ބަހާއި ތަރިކައަށް އަދި ޤައުމީ ފަޚުރު ރަމްޒުކޮށްދޭ ބަދަލެއް ކަމަށް މޯލްޑިވިއަންގެ ފަރާތުން ބުނެފައިވެއެވެ. އަދި މި ބަދަލަކީ ދިވެހިންގެ މިނިވަންކަމާއި އިސްތިޤްލާލު އަދި އެއްބައިވަންތަކަން ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.
އައިލޭންޑް އޭވިއޭޝަން ސާވިސަސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވެފައިވަނީ، "ޤައުމީ އެއަރލައިންގެ ހައިސިއްޔަތުން 'ދިވެހިރާއްޖެ' މި ބަސް އުދުހުންތަކުގައި ބޭނުންކުރަން ލިބޭ ފުރުސަތަކީ އެއަރލައިނަށް ލިބޭ ފަޚުރެއް" ކަމަށެވެ.
މިކަމާގުޅޭ ގޮތުން ދިވެހިބަހާއި ތާރީޚާ ޘަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެފައިވަނީ މޯލްޑިވިއަންގައި ދިވެހިރާއްޖޭގެ ނަން ތާނައިން ލިޔުއްވުމަކީ ދިވެހިވަންތަކަމުގެ ދާއިރާއިން ކުރިޔަށް އެޅުއްވި، ވަރަށް އުންމީދީ އުފާވެރި ފިޔަވަޅެއް ކަމަށެވެ.
މޯލްޑިވިއަންގެ ފްލީޓުގައި ޖުމްލަ 25 މަތިންދާބޯޓު ހިމެނެއެވެ. މި ހުރިހާ ބޯޓެއްގައިވެސް އައު ލިވަރީ ދާދި އަވަހަށް ފެންނަން ފަށާނެ ކަމަށް ޤައުމީ އެއަރލައިނުން ބުނެފައިވެއެވެ.