Ads by Stelco

ޚަބަރު

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ކުރިއަށް އޮތްތަނުގައި އިތުރަށް ރަނގަޅުކުރެވިގެންދާނެ:ރައީސް މުޢިއްޒު

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ކުރިއަށް އޮތްތަނުގައި އިތުރަށް ރަނގަޅުކުރެވިގެންދާނެ:ރައީސް މުޢިއްޒު

ރައީސް އޮފީހުގައި އޮތް ޖޮއިންޓް ޕްރެސް ކޮންފަރެންސްގެ ތެރެއިން ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 ޖުލައި 2025، 07:42

28 ޖުލައި 2025، 07:42

ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ކުރިއަށް އޮތްތަނުގައި އިތުރަށް ރަނގަޅުކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، ރާއްޖެއަށް މިހާރު ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވި ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔާކަ އާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ރައީސް އޮފީހުގައި އޮތް ޖޮއިންޓް ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޖޮއިންޓް ޕްރެސްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި ސްރީ ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ އަދި ތަޢުލީމު ޙާސިލުކުރަމުންދާ ޤައުމެއް ކަމަށްވުމުން، އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ދެ ޤައުމުން އެއްބަސްވެފައިވެއެވެ. އަދި ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ލަންކާގެ ޓީޗަރުން މުހިއްމު ދައުރެއް އަދާކުރަމުންދާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ ދެމެދު ގުޅުން ބަދަހިކުރުމަށާއި، ދެ ޤައުމުގެ މެދުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމަށްވެސް އެއްބަސްވުންތައް އެކުލަވާލެވުނުކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްވަރާތަކުގައި، ރާއްޖޭގެ ޑިޕްލޮމެޓުންގެ ހުނަރުތައް ތަރައްޤީކުރުމަށް ފޮރިން ސަރވިސަސް އޮފް މޯލްޑިވްސްއާއި ބަންޑްރާނަޔަކަ އިންޓަނޭޝަނަލް ޑިޕްލޮމެޓިކް ޓްރެއިނިން އިންސްޓިޓިއުޓްއާ ދެމެދު އެއްބަސްވުމެއް ޤާއިމުކުރެވުނުކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ސަރަހައްދުގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ގުޅުން ބަދަހިކުރުމަށްވެސް މަޝްވަރާކުރެވުނުކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ހަމަ އެހެންމެ، ވިޔަފާރިއާއި ދިފާޢީ ދާއިރާއާއި، ތަޢުލީމާއި ވޮކޭޝަނަލް ޓްރެއިނިންގ އާއި، ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި، ތިމާވެއްޓާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށްވެސް މި މަޝްވަރާތަކުގައި އެއްބަސްވެފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކަ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ޚާރިޖީ ދާއިރާގެ މުވައްޒަފުންނަށް ތަމްރީން ފޯރުކޮށްދިނުމާއި ގުޅޭ އެމް.އޯ.ޔޫ. އެއްގައި އާއި ޖިނާއީ ކުށްތައް ހުއްޓުވުމުގައި އެއްބާރުލުން ފޯރުކޮށްދިނުމާބެހޭ މުޢާހަދާއެއްގައި ވަނީ ސޮއިކޮށްފައެވެ.

ސްރީ ލަންކާއާއި ރާއްޖެއަކީ ޒަމާނުއްސުރެ ގާތް ގުޅުމެއް ބަދަލުކުރަމުން އަންނަ ދެ ޤައުމެވެ. ރާއްޖެއިން ލަންކާއާއެކު ރަސްމީކޮށް ސިޔާސީ ގުޅުން ޤާއިމުކުރީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ގުޅިގެން މަސައްކަތްކުރާނެ ދާއިރާތައް ފުޅާކުރުމަށް ލިބިގެންދިޔަ މުހިއްމު ފުރުސަތެކެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން