Ads by Stelco

ޚަބަރު

ޚާރިޖީ ދާއިރާގެ މުވައްޒަފުންނަށް ތަމްރީނާއި ހުނަރު ފޯރުކޮށްދިނުމަށް ސްރީލަންކާއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ޚާރިޖީ ދާއިރާގެ މުވައްޒަފުންނަށް ތަމްރީނާއި ހުނަރު ފޯރުކޮށްދިނުމަށް  ސްރީލަންކާއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 ޖުލައި 2025، 06:55

28 ޖުލައި 2025، 06:55

ދިވެހިރާއްޖޭގެ ޚާރިޖީ ދާއިރާގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި ހުނަރު ފޯރުކޮށްދިނުމަށް، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މި އެމްއޯޔޫގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.

މާލޭގައި މިއަދު މިކަމަށްޓަކައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެމްއޯޔޫ އެކުލަވާލާފައިވަނީ ދިވެހިރާއްޖޭގެ ފޮރިން ސަރވިސް އިންސްޓިޓިއުޓް (އެފް.އެސް.އައި) އާއި ސްރީލަންކާގެ ބަންޑާރަނަޔަކެ އިންޓަރނޭޝަނަލް ޑިޕްލޮމެޓިކް ޓްރޭނިން އިންސްޓިޓިއުޓް އާ ދެމެދުގައެވެ. މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްއެވެ. ސްރީލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޚާރިޖީ ވަޒީރެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ޑިޕްލޮމެޓަށް އެހީތެރިވެދިނުމަށްޓަކައި ޚާރިޖީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ދުނިޔެ ޤަބޫލުކުރާ ފެންވަރުގެ ހުނަރުތަކެއް ލިބިފައިވާ ރަނގަޅު ޑިޕްލޮމެޓުންނަށް ވާންޖެހެއެވެ. 

އެހެންކަމުން، އެފަދަ ޕްރޮފެޝަނަލް ސަރވިސްއެއް ކުރިއެރުވުމަށްޓަކައި މުވައްޒަފުންނަށް ބޭނުންވާ ޚާއްޞަ ތަމްރީނާއި ހުނަރާއި ތަޖުރިބާ، ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް މެދުވެރިކޮށް ފޯރުކޮށްދެމުންދާކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ދެމެދު ތަފާތު ތަމްރީން ޕްރޮގްރާމްތައް ބަދަލުކުރުމަށް ފުރުޞަތު ލިބިގެންދާނެކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ. އަދި މި ދާއިރާއިން ލިބިފައިވާ ތަޖުރިބާ ދެ ޤައުމުގެ ދެމެދުގައި ހިއްސާކުރުމަށްވެސް މަގުފަހިވެގެންދާނެކަމަށް އެ ވުޒާރާއިން އިތުރަށް ވިދާޅުވިއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން