ޚަބަރު
ޖިނާއީ ކުށްތައް ހުއްޓުވުމަށް ރާއްޖެއާއި ސްރީލަންކާއާ ދެމެދު މުއާހަދާއެއްގައި ސޮއިކޮށްފި

ރާއްޖެއާއި ސްރީލަންކާއާ ދެމެދު މުއާހަދާގައި ސޮއިކުރުމުގެ ރަސްމިއްޔާތު ފޮޓޯ:ރައީސް އޮފީސް
ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެޤައުމުގެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމާގުޅޭ މުއާހަދާއެއްގައި ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސޮއިކޮށްފިއެވެ. މި މުހިއްމު މުއާހަދާގައި ސޮއިކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި މުއާހަދާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލްއެވެ. އަދި ސްރީލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޚާރިޖީ ވަޒީރެވެ. މި މުއާހަދާގެ މައިގަނޑު ބޭނުމަކީ ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެޤައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއްޤައުމުން އަނެއް ޤައުމަށް ދިނުމެވެ. ޚާރިޖީ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި މުއާހަދާ އެކުލަވާލައި ސޮއިކުރުމުގެ ޢަމަލީ މަސައްކަތް ފެށީ 2011 ވަނަ އަހަރުގައެވެ.
ޚާރިޖީ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި މުއާހަދާގެ މަޤްޞަދަކީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާއެކު، ޖިނާއީ މައްސަލަތަކުގައި ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ދިނުމެވެ. އެޤައުމެއްގެ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިންނާއި މި މުއާހަދާގެ މާއްދާތަކާ އެއްގޮތްވާގޮތުގެ މަތިން މި އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށްވެސް ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
މި މުއާހަދާގެ ދަށުން މައްސަލަ ތަޙުޤީޤުކުރުމުގައާއި ޝަރީޢަތް ހިންގުމުގައާއި މައްސަލަ ނިމުމުން ހިނގާ ކަންތައްތަކުގައިވެސް އެހީތެރިކަން ދިނުން ހިމެނެއެވެ. މީގެ އިތުރުން، ހުށަހެޅޭ މައްސަލަތައް ބަލައިގަނެ، ބަލައި އަދި ކުރިއަށް ގެންދާނީ އެޤައުމެއްގައި ޤާއިމްކޮށްފައިވާ ސެންޓްރަލް އޮތޯރިޓީއަކުންކަމަށް ބަޔާންކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ޤާނޫނު ނަންބަރު: 2/2015 (ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާއާއި 6 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކުރާއިރު، ދިވެހިރާއްޖޭގެ ސެންޓްރަލް އޮތޯރިޓީއަކީ ޕްރޮސެކިއުޓަރ ޖެނެރަލްކަން ޚާރިޖީ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.