ޚަބަރު
މޯލްޑިވްސް ގޭސްގެ ކުރީގެއެމްޑީ އަބްދުﷲ މައުމޫނުގެ މައްޗަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ހުކުމްކޮށްފި

މޯލްޑިވްސް ގޭސްގެ ކުރީގެއެމްޑީ އަބްދުﷲ މައުމޫނު ފޮޓޯ:
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރެއްވި، އަބްދުﷲ މައުމޫނުގެ މައްޗަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)އަށް ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެެ. މި ހުކުމް މިދިޔަ ޖޫން މަހު ކޮށްފައިވަނީ ދައުވާ ލިބޭ މައުމޫނުގެ ޣައިރު ހާޒިރުގަ އެވެ.
ސިވިލް ކޯޓުން މި ހުކުމްކޮށްފައިވަނީ، މައުމޫން އެމްއައިބީން ރަހުނު ބަހައްޓައިގެން ނެގި ޑިމިނިޝިން މުޝާރަކާ ޕްރޮޕަޓީ ފައިނޭންސިން ފެސިލިޓީގެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ، އެ ފެސިލިޓީއަށް ދައްކަންޖެހޭ ފައިސާއާއި ޗެރިޓީގެ ފައިސާ ހޯދުމަށް ބޭންކުން ހުށަހެޅި މައްސަލަ އެއްގަ އެވެ.
އެމްއައިބީން ސިވިލް ކޯޓުގައި އެދުނީ، ބޭންކުން މައުމޫނަށް ދޫކުރި 2،250،000 ރ. ގެ ޑިމިނިޝިން މުޝާރަކާ ޕްރޮޕަޓީ ފައިނޭންސިން ފެސިލިޓީގެ ތެރެއިން ނުދައްކާ ހުރި 1،102،067 ރ. އާއި ޗެރިޓީގެ ގޮތުގައި ދައްކަންޖެހޭ 7،498/29 ރ. އަކީ ދައްކަންޖެހޭ ފައިސާކަން ކަނޑައަޅައިދިނުމަށެވެ. މީގެ އިތުރުން، ފެސިލިޓީގެ ފައިސާ ދައްކައި ޚަލާސްކުރުމާ ހަމަޔަށް ދައްކަންޖެހޭ ފެސިލިޓީގެ ފައިސާއާއި މަހުން މަހަށް އަރަމުންދާ "މަންތްލީ ރެންޓަލް" އާއި އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާތީ އަރަމުންދާ ޗެރިޓީގެ ފައިސާ ވެސް 6 މަސް ދުވަހުގެ ތެރޭގައި ދައްކަން އެންގުމަށެވެ.
ކޯޓުގެ ހުކުމުގައި ވަނީ އެމްއައިބީން އެދުނު ގޮތަށް ފައިސާ ދައްކަން ޖެހޭކަން ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ. އަދި އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާތީ އަރަމުންދާ ފައިސާ ވެސް ހުކުމުގައި ބަޔާންކޮށްފައިވާ ދުވަހުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަންގާފަ އެވެ.
މައުމޫނަކީ ގޭސް ކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވިއިރު، އެ ކުންފުނީގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުވާ ބޭފުޅެކެވެ. އެ ތުހުމަތުތަކުގެ ތެރެއިން ބައެއް މައްސަލަތައް އޭސީސީއާއި ފުލުހުންގެ ހިދުމަތުން ތަހުގީގުކޮށްފައިވެއެވެ. އަދި އެ ތުހުމަތުތަކުގެ ތެރެއިން ގޭސް ކުންފުންޏަށް ކައްކާ ގޭސް ވިއްކި ކުންފުންޏަކުން ރިޝްވަތުގެ ގޮތުގައި 3.1 މިލިއަން ރުފިޔާ ނެންގެވިކަމަށް ތުހުމަތުވާ މައްސަލައެއްގައި އޭނާގެ މައްޗަށް ޖިނާއީ ދައުވާ ވެސް އުފުލާފައިވެއެވެ.