ޚަބަރު
އަންގާރަ ދުވަހުން ފެށިގެން މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

މޫސުންގޯސް ވުމާއި ކަނޑުތައް ގަދަވުން
އަންގާރަ ދުވަހުން ފެށިގެން މުޅި ރާއްޖެއަށް މޫސުން ގޯސްވެ، ވިއްސާރަ ކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ. މިކަމާ ގުޅިގެން ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން، އަންގާރަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ސަރަޙައްދަށް ވައިބާރުވެ، ކަނޑުތައް ގަދަވެ، ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެއެވެ. ޚާއްސަކޮށް ބުދަ އަދި ބުރާސްފަތި މި ދެ ދުވަހު އާންމުކޮށް ވައި ވަރަށް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން، މިއަދު މެންދުރު ފަހު 01:45 އިން ފެށިގެން މިރޭ 07:45 އަކަށް ދެކުނުގެ އަތޮޅުތަކަށް މެޓް އޮފީހުން ވަނީ ހުދު ސަމާލު ނެރެފައެވެ. މި ސަމާލުގެ ދަށުން ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ލަފާކުރެވެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށް ވެސް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ވައިޖެހޭނެ ގޮތަށް ބަލާއިރު، އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، އަދި އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުން، ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ވަނީ ހާމަކުރައްވާފައެވެ.
Alert white for heavy rain and thunderstorms over southern atolls. pic.twitter.com/LX8edyILSc
— Maldives Meteorology (@MetMaldives) July 28, 2025
މީގެ އިތުރުން، ކުރިއަށް އޮތް 24 ގަޑިއިރު ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވިދާޅުވިއެވެ. ރާއްޖެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ލަފާކުރެވޭތީ، ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.