Ads by Stelco

ޚަބަރު

ގެދޮރުވެރިޔާ ސްކީމް: އެއްބަސްވުންތަކުގައި ސޮއިކުރުމަށް 2665 ފަރާތެއްގެ ނަން އެފްޑީސީއަށް ފޮނުވައިފި

ގެދޮރުވެރިޔާ ސްކީމް: އެއްބަސްވުންތަކުގައި ސޮއިކުރުމަށް 2665 ފަރާތެއްގެ ނަން އެފްޑީސީއަށް ފޮނުވައިފި

ގެދޮރުވެރިޔާ ސްކީމް އެއްބަސްވުމުގައި ސޮއިކުރުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ޖުލައި 2025، 04:43

27 ޖުލައި 2025، 04:43

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނި ގޮތުގައި، ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭކަމަށް ކަނޑައަޅާ އެއްބަސްވުމުގައި ސޮއިކުރުމަށް 2665 މީހުންގެ ނަން، އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން އެ ކޯޕަރޭޝަނަށް ފޮނުވާފައިވެއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުއެވެ.

ގެދޮރުވެރިޔާ ސްކީމްގައި ޖުމްލަ 4000 ހައުސިން ޔުނިޓް ހިމެނެއެވެ. ކުރީގެ ސަރުކާރުން 2023ވަނަ އަހަރުގެ ނޮވެމްބަރު 15ގައި އާއްމުކުރި ފްލެޓް ލިސްޓުގައި ބޮޑެތި މައްސަލަތަކެއް ހުރިކަމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަޙްޤީގުންނާއި، އަދި އާ ސަރުކާރުން އެކުލަވާލި ހައުސިން ކޮމިޓީއިންވެސް ވަނީ ހާމަކޮށްފައެވެ.

އޭސީސީގެ ތަޙްޤީގުގައި ފްލެޓް ލިސްޓުގައި ހިމެނޭ %59.6 މީހުންނަކީ ޝަރުތު ހަމަނުވާ ފަރާތްތައް ކަމަށް ބުނެފައިވާއިރު، ހައުސިން ކޮމިޓީގެ ރިޕޯޓްގައި ވަނީ 2180 މީހުންގެ ޝަރުތު ހަމަނުވާކަމަށް ފާހަގަކޮށްފައެވެ. ވުޒާރާއިން އާއްމުކުރި ލިސްޓަށް ލިބުނު 8000އަށްވުރެ ގިނަ ޝަކުވާގެ ތެރެއިން އެންމެ ގިނަ މައްސަލަތައް ފެނިފައިވަނީ، މާލޭގައި އުޅެފައިވާ މުއްދަތު ސާބިތުކުރުމުގައިކަމަށް ގެދޮރުވެރިކަމާ ބެހޭ ކޮމިޓީއިން ވަނީ ބުނެފައެވެ. ވުޒާރާއިން އާއްމުކުރި ލިސްޓަށް ލިބުނު ޝަކުވާތައް ރިވިއުކުރުމުގެ މަސައްކަތްތައް އަދި މުޅިން ނުނިމެއެވެ.

ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވިދާޅުވީ، ޝަކުވާތަކަށް ބެލުމަށްފަހު އެކުލަވާލާ ދާއިމީ ލިސްޓް އާއްމު ނުކުރާނެކަމަށެވެ. ޝަކުވާތައް ރިވިއުކޮށް، ފްލެޓް ލިބޭނެކަން ކަށަވަރުވާ މީހުންނަށް މިހާރު ދަނީ އެކަން އަންގަމުންނެވެ. އަދި އެ ތަރުތީބުން، ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރުމަށް، ވުޒާރާއިން އެ ލިސްޓު ދަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އަށް ފޮނުވަމުންނެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދަނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ. މިހާތަނަށް 92 މީހުންގެ ފްލެޓް އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. އެފްޑީސީން ވިދާޅުވީ މިނިސްޓްރީއިން ފޮނުވާ ލިސްޓުގައި ހިމެނޭ ހުރިހާ މީހުންނަށް މިހާރު އެކަން އަންގަމުންދާކަމަށެވެ. މިކަން އަންގަނީ އެސްއެމްއެސްއާއި ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށެވެ. 

ސޮއިކުރަން އަންނާނެ ދުވަހާ ގަޑި އަންގާނީ، އެފްޑީސީން ބުނާ ލިޔެކިޔުންތައް އެ ކޯޕަރޭޝަންގެ ޕޯޓަލް "ފަހި ޕޯޓަލް" އަށް އަޕްލޯޑްކުރުމުންނެވެ. ސޮއިކުރުމަށްފަހު ފްލެޓްގެ ތަޅުގަނޑި ހަވާލުކުރާނީ ޔުޓިލިޓީ ޚިދުމަތްތަކަށް ރެޖިސްޓަރވުމާއި ޑިޕޮސިޓް ދެއްކުމުންނެވެ. ސިންތެޓިކް ޓްރެކްގައި ވަނީ ޔުޓިލިޓީ ޚިދުމަތްތަކަށް ފަސޭހައިން ރެޖިސްޓަރވެވޭނެ އިންތިޒާމްތައްވެސް ހަމަޖައްސާފައެވެ. ސޮއިކުރުން ދެން ކުރިއަށްދާނީ ބަންދު ދުވަސްތަކަށްފަހު އަންނަ އަންގާރަދުވަހު ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވިދާޅުވެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން