ޚަބަރު
ރާއްޖޭގެ ކަނޑޫފާތަކުގައި ހެދޭ ގަހުގެ އޮށުގެ ބާވަތްތައް ބައިނަލްއަޤްވާމީ ޖައްވީ ސްޓޭޝަނަށް ފޮނުވަނީ

ރާއްޖޭގެ ކަނޑޫފާއެއް ފޮޓޯ: އެމް.އެސް.އާރް.އޯ
ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ބައިނަލްއަޤްވާމީ ޖައްވީ ސްޓޭޝަނަށް (އައި.އެސް.އެސް.) އަށް ފޮނުވާ ޕޭލޯޑެއްގައި ދިވެހި ކަނޑޫފަތުގެ އޮށްތައް ހިމަނައިފިއެވެ. މިކަން ހާމަކޮށްފައިވަނީ މޯލްޑިވިއަން ސްޕޭސް ރިސަރޗް އޯގަނައިޒޭޝަން (އެމް.އެސް.އާރް.އޯ.) އިންނެވެ. މިއީ ދިވެހިރާއްޖޭގެ ޖައްވީ ހޯދުންތަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
މި އޮށްތައް ޖައްވަށް ފޮނުވުމަށް ހަމަޖެހިފައިވަނީ ޖަގުއާރް ސްޕޭސް އެލް.އެލް.ސީ. އިން އިސްކޮށް ހިންގާ "އަރތު ސީޑްސް ފޯ ސްޕޭސް" ޕޭލޯޑްގެ ތެރެއިންނެވެ. މި ޕޭލޯޑްގައި ދުނިޔޭގެ އެކި ގައުމުތަކުން ހިމަނާފައިވާ 11 ތަފާތު ބާވަތުގެ އޮށްތައް ހިމެނެއެވެ.
މި މަސައްކަތުގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި، ގަސްގަހާގެހި ދިރުވުމަށް ބާރުދިނުމާއި، އޮށް ރައްކާތެރިކުރުމުގެ އުކުޅުތައް ތަރައްޤީކުރުމާއި، ދިގު މުއްދަތުގެ ޖައްވީ ދަތުރުތަކަށް ބޭނުންވާ ދަނޑުވެރިކަމުގެ އީޖާދީ ހައްލުތައް ހޯދުން ހިމެނެއެވެ.
މީގެ އިތުރުން، މީގެ ކުރިން ބެލިފައިނުވާ ގަސްގަހާގެހީގެ ބާވަތްތަކުން ޖައްވުގައި ދަނޑުވެރިކަން ކުރުމުގެ ފުރުސަތުތައް ދިރާސާކުރުމާއި، ދެމިހުންނަނިވި އިންސާނީ ޖައްވީ ދަތުރުތަކަށް އެހީތެރިވެދީ، ކާނާގެ ތަފާތުކަން އިތުރުކުރުމާއި، ޖައްވުގައި ސަޤާފީ ތަމްސީލުކުރުންތައް ގެނައުމަށް ވެސް މި މަސައްކަތުން މަގުފަހިވާނެ ކަމަށް ވަނީ ބުނެފައެވެ.
މި ޕޭލޯޑް ޖައްވަށް ފޮނުވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ގައި، ނޭޝަނަލް އެއެރޮނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ) ގެ "ކްރޫ-11" މިޝަންއާ އެކުއެވެ. މި އޮށްތައް ނެގާފައިވަނީ ދިވެހިރާއްޖެއިންނެވެ.
އެމް.އެސް.އާރް.އޯ. އިން ބުނެފައިވާ ގޮތުގައި، މި މިޝަންގައި ބައިނަލްއަޤްވާމީ ގިނަ ބައިވެރިންތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި އާޖެންޓީނާ (ކޯނޭ)، ބްރެޒިލް (އެމްބްރަޕާ) އާއި އެމެރިކާ (ޔުނިވަރސިޓީ އޮފް ފްލޮރިޑާ)، ކޮސްޓާރީކާ (ޔުނިސީއާރް)، ގުއަޓެމާލާ (ސީނާސައިޓީ)، އިންޑިއާ (ޕްރޮޓޯޕްލާނެޓް)، ނައިޖީރިއާ (ނާސްރިޑާ)، ކާމަން ޕްރޮޖެކްޓް ޕާކިސްތާން، އަރްމީނިއާ، މިސްރު، އަދި ނައިޖީރިއާ ހިމެނެއެވެ.
މިކަމަކީ ޖައްވީ ދާއިރާގައި ފެށިގެން އަންނަ ގައުމުތަކަށް ސައިންސާއި އިންސާނިއްޔަތުގެ ކުރިއެރުމަށް ގުޅިގެން ހާސިލުކުރެވޭނެ ކަންކަމުގެ ހެއްކެއް ކަމަށް އެމް.އެސް.އާރް.އޯ. އިން ފާހަގަކުރެއެވެ. ދިވެހިރާއްޖެއާއި، ބައިނަލްއަޤްވާމީ ޖައްވީ ދަނޑުވެރިކަމަށް މި ކުރެވޭ ތާރީޚީ ދަތުރުގެ އިތުރު މައުލޫމާތުތައް މުސްތަޤްބަލުގައި ހާމަކުރަމުން ގެންދާނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.