Ads by Stelco

ޚަބަރު

އައު ޕެސެންޖަރ ޓަރމިނަލުން އެންމެ ފުރަތަމަ ޚިދުމަތް ދިނުމުގެ ތާރީޚީ ފުރުސަތު ޤައުމީ އެއަރލައިން މޯލްޑިވިއަންއަށް

އައު ޕެސެންޖަރ ޓަރމިނަލުން އެންމެ ފުރަތަމަ ޚިދުމަތް ދިނުމުގެ ތާރީޚީ ފުރުސަތު ޤައުމީ އެއަރލައިން މޯލްޑިވިއަންއަށް

މޯލްޑިވިއަންގެ ކެބިންކްރޫއެއް ޤައުމީ ހެދުމުގައި ފޮޓޯ:މޯލްޑިވިއަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ޖުލައި 2025، 01:41

27 ޖުލައި 2025، 01:41

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ އައު ޕެސެންޖަރ ޓަރމިނަލުން އެންމެ ފުރަތަމަ ޚިދުމަތް ދިނުމުގެ ތާރީޚީ ފުރުސަތު ޤައުމީ އެއަރލައިން މޯލްޑިވިއަންއަށް ލިބިއްޖެއެވެ. މިއަދު މެންދުރު ފަހު ކޮޗިންއިން ރާއްޖެ އައި މޯލްޑިވިއަންގެ ވައިޑް-ބޮޑީ އެއަރކްރާފްޓެއްގެ ފަސެންޖަރުންނަށް ވަނީ އައު ޓަރމިނަލުން ޚިދުމަތް ދޭން ފަށާފައެވެ.

މޯލްޑިވިއަނުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމީ އެއަރލައިނަށް ދެއްވާ އިސްކަމުގެ ތެރެއިން، އައު ޕެސެންޖަރ ޓަރމިނަލް އެންމެ ފުރަތަމަ ހުޅުވާލާފައިވަނީ މޯލްޑިވިއަންގެ އިންޓަރނޭޝަނަލް ދަތުރުތަކުގެ ފަސެންޖަރުންނަށް ކަމަށެވެ. މެންދުރު ފަހު ގާތްގަނޑަކަށް 2:00 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ ކޮޗިންއިން އައި ފްލައިޓަށްފަހު، މިހާރު އެ އެއާލައިންގެ ހުރިހާ ބޯޓަކަށް އައު ޓަރމިނަލް މެދުވެރިކޮށް ހިދުމަތް ދޭން ފަށާނެ ކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.
މި ތާރީހީ ފްލައިޓުގައި ހިދުމަތް ދިން ކްރޫ އިންވެސް ތިބީ ދިވެހި ސަޤާފީ ހެދުމުގައެވެ. އަންހެން ކުރޫއިން ދިވެހި ދިގު ހެދުމުގައި ތިބި އިރު، ފިރިހެން ކްރޫއިން ލައިގެން ތިބީ މުއްޑާއި ހުދު ގަމީހެވެ. 

މޯލްޑިވިއަންގެ ފްލައިޓް ތަޖުރިބާއަށްފަހު، ޓަރމިނަލް ދެން ހުޅުވާލާނީ އެހެން އެއަރލައިންތަކުގެ ނެރޯ ބޮޑީ ފްލައިޓްތަކަށެވެ. މިއީ ގާތްގަނޑަކަށް 200 ޕެސެންޖަރުންގެ އެއަރކްރާފްޓްތަކެވެ. ނެރޯ ބޯޑީ ފްލައިޓްތައް ރާއްޖެއަށް ބާއްވާ 9 އެއަލައިނެއް މިހާރު ކަނޑައަޅާފައިވާއިރު، މި ފްލައިޓްތަކާއެކު، ގާތްގަނޑަކަށް 3 މަސް ދުވަހު ޓަރމިނަލް ތަޖުރިބާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ރަސްމީކޮށް ހުޅުއްވާ ދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަރިހުގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. އައު ޓަރމިނަލް ހުޅުވުމުގެ ގޮތުން، ޓަރމިނަލް މޮޑެލްއެއް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަރުއްވާފައެވެ.

ވެލާނާ އެއަރޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ ކުލަގަދަ ހަރަކާތްތަކާއެކުގައެވެ. އެގޮތުން ވެލާނާ އެއަރޕޯޓުގެ ދިގު ތާރީޚާއި ތަރައްޤީގެ މުހިންމު އުސްއަލިތަށް ހިމެނޭ ޚާއްސަ ރިޕޯޓެއް ރަސްމިއްޔާތުގެ ތެރެއިން  ހުށަހަޅާފައިވާއިރު، އެއަރޕޯޓު ހުޅުވުމަށް ހާއްސަ ތިއޭޓްރިކަލް ހުށަހެޅުމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ރަސްމީއްޔާތުގެ ތެރެއިން ކުރިއަށް ގެންދިޔަ ޑްރޯންޝޯގައި، ވެލާނާ އެއަރޕޯޓު ރަމްޒުތައް  ދައްކާލާފައިވާއިރު، މި ހަރަކާތްތައް ނިންމާލާފައިވަނީ ހަވާއެރުވުމާއެކުއެވެ.




Ads by MSS

މި ލިޔުން ކިޔާލުމުން