ޚަބަރު
ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތް އެރުއްވި 3 ބޭފުޅުންގެ ތެރެއިން ޤާސިމް އިބްރާހީމް

ޤާސިމް އިބްރާހީމް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތާ ޙަވާލުވެވަޑައިގަންނަވަނީ.

ފަރުދުން
27 ޖުލައި 2025، 01:21
27 ޖުލައި 2025، 01:21
ނިޝާން މުލީގެ ޢިއްޒަތް ލިބިވަޑަިއގެންފައިވާ ޤާސިމް އިބްރާހީމް
މިއަދުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން އަރުއްވާފައިވާ 3 ވަނަ ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޤާސިމް އިބްރާހީމްއެވެ.
މ. މާފަންނުވިލާ ޤާސިމް އިބްރާހީމަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގު ލަޤަބު ދެއްވުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ، ދިވެހި ދައުލަތަށާއި ރައްޔިތުންނަށް، އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާއިންނާއި، ތަޢުލީމީ ދާއިރާއިން ޤާސިމް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާވާތީ އާއި، ނިޝާން މުލީގެ ޢިއްޒަތް ލިބިވަޑައިގެންނެވި ފަހުން ވެސް އިސްވެދެންނެވުނު ދާއިރާތަކުން އެމަނިކުފާނު ކުރައްވާފައިވާ މިންނެތް މަސައްކަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ.
އަރި އަތޮޅު މާމިގިލި ބުރުމާ އިބްރާހީމާއި، އަރި އަތޮޅު ދިއްދޫ ފޫޅުމާގޭ ޤަމަރުއްނިސާ ކަނބުލޮއަށް ލިބިވަޑައިގެންނެވި ޤާސިމް އިބްރާހީމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1950 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު، ދިއްދޫގައެވެ. ޢުމުރުން 14 އަހަރުގައި ޢިލްމު އުނގެނިވަޑައިގަތުމަށް މާލެއަށް ވަޑައިގެން، އެއިރު ތަޢުލީމީ ގޮތުން ޙާޞިލްކުރެވޭ އެންމެ މަތީ ސަނަދު ކަމުގައިވާ ސެކެޓްރީ ކަމުގެ ސަނަދު ޤާސިމް އިބްރާހީމް ޙާޞިލްކުރެއްވިއެވެ.
ޤާސިމް އިބްރާހީމް އެންމެ ފުރަތަމަ ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ ގަވަރމެންޓް ހޮސްޕިޓަލުގެ ކާތިބެއްގެ މަޤާމުގައެވެ. ވަޡީފާގައި މަސައްކަތް ކުރައްވަމުން ވެސް، ލިބިވަޑައިގެންނެވި ހުސްވަޤުތުތަކުގައި އިތުރު އާމުދަނީ ހޯއްދެވުމަށް ތަފާތު މަސައްކަތްތައް ކުރެއްވިއެވެ. ޤާސިމް ކުރެއްވި ކޮންމެ މަސައްކަތެއްގައިމެ އެމަނިކުފާނުގެ ވިސްނުން ފުޅު ގެންގުޅުއްވީ، އެކަމެއް ކުރެވެން އޮތް އެންމެ ރަނގަޅު ގޮތަށް ކުރެއްވުމަށެވެ.
ވިޔަފާރީގެ ދާއިރާއަށް ބަލައިލާ އިރު، ޢުމުރުފުޅުން 26 އަހަރުގައި އަމިއްލަފުޅު ގޯތި ބެންކުގައި މޯގޭޖް ކުރައްވައި، 15,000 ރުފިޔާގެ ލޯނެއް ނަންގަވައިގެން، ތ. އަތޮޅު ފިހާރައިގެ ހުޅަނގު ބައިގައި 1976 ވަނަ އަހަރު، ޤާސިމް އިބްރާހީމް އެމަނިކުފާނުގެ ވިޔަފާރީގެ ބިންގާ އެޅުއްވިއެވެ. އެއިރުއްސުރެ ފަސްޖެހިވަޑައިނުގަންނަވައި، ވިޔަފާރީގެ ކަންކަން ކުރިއެރުއްވުމަށް ހިތްވަރާ އެކު ޤާސިމް މަސައްކަތް ކުރެއްވިއެވެ. އޭގެ ފަހުން، ރާއްޖޭގެ ޝިޕިންގ ދާއިރާއިން ޤާސިމްގެ "ވިލާ" ކުންފުނި ފެނިގެން ދިޔައެވެ. މިގޮތުން، 1986 ވަނަ އަހަރު، "ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ"ގެ ނަމުގައި އެކުންފުނި ސަރުކާރުގެ ދަފްތަރުގައި ރަޖިސްޓަރީ ކުރެއްވިއެވެ. އޭގެ ފަހުން، ބޮޑުކަންނެލީގެ މަސްވެރިކަމަށް ވަދެވަޑައިގަތުމަށްޓަކައި، "ވިލާ ޝިޕިންގ ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް އުފައްދަވައި، ބޭރުން ބޯޓެއް ޗާޓަރު ކުރައްވައިގެން ގެންނެވިއެވެ.
މ. މާފަންނުވިލާ ޤާސިމް އިބްރާހީމަކީ ބޭސްވެރިކަމުގެ ދާއިރާއިން ވެސް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން، ޤާސިމަކީ، އިންސާނީ އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ގޮތުން ދިވެހި ރައްޔިތުންގެ ބޭސްފަރުވާގެ ކަންކަމުގެ ކުރީ ސަފުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ވިލާ ފައުންޑޭޝަނުން ދިވެހި ރައްޔިތުންނަށް ބޭސްފަރުވާއަށް ކުރެވުނު ޢަދަދުނުކުރެވޭހައި ގިނަ މަސައްކަތްތަކުގައި، ދިވެހި އެތައްހާސް ރައްޔިތުންނެއްގެ ވޭނާއި ކެކުޅުންތަކަށް ލުއިކަމެއް ގެނެސްދެއްވުމަށްޓަކައި ޤާސިމް އިބްރާހީމް މަސައްކަތް ކޮށްދެއްވިއެވެ.
މުދާ އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާ ހޯއްދެވުމަށްޓަކައި، ބޮޑުފިނޮޅު ރިސޯޓު ބައްލަވައިގަނެ، "ފަން އައިލެންޑް"ގެ ނަމުގައި ރިސޯޓެއް ހިންގަވަން ފެށްޓެވި ޙިސާބުން، ފަތުރުވެރިކަމުގެ ދާއިރާގައި ވެސް ޤާސިމްގެ ފައިތިލަ ޘާބިތުވެގެން ދިޔައެވެ. އެގޮތުން، މިއަދު ޤާސިމް އަކީ ރާއްޖޭގެ ރިސޯޓު އޮވނަރުންގެ ކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ކަން ޔަޤީނެވެ. ރިސޯޓުތަކަށް ފަތުރުވެރިން ގެންދިޔުމުގެ މަސައްކަތް ތަނަވަސްކޮށްދެއްވުމަށް، ޤާސިމް "ޓްރާންސް މޯލްޑިވިޔަން އެއަރވޭސް" (ޓީ.އެމް.އޭ) އުފެއްދެވި ކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.
ޤާސިމް އިބްރާހީމަކީ، ދިވެހި ވިޔަފާރިވެރިންގެ ޖަމުޢިއްޔާގެ ކުރިއެރުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެއް ވެސް މެއެވެ. އެ ޖަމުޢިއްޔާގެ ނާއިބު ރައީސް ކަމުގެ މަޤާމާއި، ރައީސް ކަމުގެ މަޤާމު ދިގު މުއްދަތަކަށް ޤާސިމް ވަނީ ފުރުއްވާފައެވެ. ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ޤާސިމް ކޮށްދެއްވައިފައިވާ އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކަކީވެސް ވަރަށް އަގުހުރި ޚިދުމަތްތަކެކެވެ. މިގޮތުން، އަމިއްލަ ފަރާތަކުން ހުށަހެޅި ފުރަތަމަ ސްކޮލަރޝިޕް ތަޢާރަފުކުރެއްވީ ޤާސިމް އިބްރާހީމް ކަމަށް ވާ އިރު، އެކި ފަރާތްތަކުން އެމަނިކުފާނަށް ދައްކަން ޖެހިފައިވީ ދަރަނިތަކުގެ ތެރެއިން 50 މިލިޔަން ރުފިޔާ ޤާސިމް މަޢާފުކޮށްދެއްވިއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ތަޢުލީމީ ނިޡާމުގައި ވިލާ ހައި ސްކޫލާއި ކޮލްޖުގެ ދައުރަކީ ވެސް މުހިންމު ދައުރެއް ކަން ކަށަވަރެވެ.
ޤާސިމް އިބްރާހީމަކީ، ދިވެހި ދައުލަތުގެ އިސް މަގާމުތަކެއްވެސް ފުރުއްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ކެބިނެޓުގައި ފިނޭންސް އެންޑް ޓްރެޜަރީ މިނިސްޓަރުކަމާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ)ގެ ގަވަރުނަރުގެ މަޤާމު ޤާސިމް އަދާކުރެއްވިއެވެ. މީގެއިތުރުން، ވޮރލޑް ބޭންކާއި، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑަށް ރާއްޖޭގެ ފަރާތުން ކަނޑައަޅުއްވާފައި ހުންނަވާ ގަވަރުނަރު ކަމުގެ މަޤާމުވެސް ޤާސިމް އިބްރާހީމް ވަނީ ފުރުއްވައިފައެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުގައި ޤާސިމް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަކީވެސް އަލިއަޅުވާލަން ޖެހޭ މަސައްކަތްޕުޅުތަކެކެވެ. ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އިޞްލާޙީ އެޖެންޑާގެ ދަށުން ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތް، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ފެށްޓެވިއިރު، ޤާސިމަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު ޝަރަފަކީ، ޚާއްޞަ މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތުމެވެ. ރާއްޖޭގައި މިހާރު ޢަމަލުކުރަމުން ގެންދާ ޤާނޫނުއަސާސީ އެކުލަވައި ނިންމެވީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރިޔާސަތުގެ ގޮނޑިކޮޅުގައި ޤާސިމް އިބްރާހީމް އިންނަވައިގެންނެވެ.
ޤާސިމް އިބްރާހީމަށް 2013 ވަނަ އަހަރު، ދިވެހި ދައުލަތުން ވަނީ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އަރުއްވާފައެވެ. ޤާސިމް އިބްރާހީމަށް ލިބިވަޑައިގެންފައިވާ ޤައުމީ ޚިދުމަތުގެ އިނާމުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގައި ވިޔަފާރި ކުރިއެރުވުމުގެ ރޮނގުން 1988 ވަނަ އަހަރު ދެއްވި ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، ޓޫރިޒަމްގެ ރޮނގުން 1995 ވަނަ އަހަރު ދެއްވި ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، ޖަމާޢަތަށް ފައިދާހުރި ޚާއްޞަ ޚިދުމަތެއް ކުރުމުގެ ދާއިރާއިން 2007 ވަނަ އަހަރު ދެއްވި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހިމެނެއެވެ.