ޚަބަރު
ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތް އެރުއްވި 3 ބޭފުޅުންގެ ތެރެއިން ޙަސަން ޞާބިރު

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތާ ޙަސަން ޞާބިރުގެ ޢާއިލާއިން ޙަވާލުވަނީ.

ފަރުދުން
27 ޖުލައި 2025، 12:20
27 ޖުލައި 2025، 12:20
ގ. ފިޔާތޮށިގޭ ޙަސަން ޞާބިރު
(މިއަދުގެ މިނިވަން ދުވަހުގެ ޖަލްސާގައި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން އަރުއްވާފައިވާ 3 ބޭފުޅުންގެ ތެރޭގައި އަލްފާޟިލް ޙަސަން ޞާބިރު ހިމެނިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނުގެ ޞިއްޙީ ޙާލަތު ހުރި ގޮތުގެ ސަބަބުން، ޖަލްސާ އަށް ޙާޟިރުވެވަޑައެއް ނުގަންނަވައެވެ.)
ގ. ފިޔާތޮށިގޭ ޙަސަން ޞާބިރަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން ދެއްވައިފާ ވަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ރޭއްވެވުމުގައްޔާއި، ރާއްޖޭގެ އިޤްތިޞާދީ ދާއިރާގެ (ޚާއްޞަ ގޮތެއްގައި މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގެ) ވަޒީރުކަމުގެ މަޤާމުގައި ހުންނަވައިގެން، އެދާއިރާގެ ޞިނާޢަތުތައް ކުރިއެރުއްވުމަށްޓަކައި ޤައުމީ މުހިއްމު މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާތީ އާއި، ޚާރިޖީ ދާއިރާއިން ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.
އަލްފާޟިލް ޙަސަން ޞާބިރަކީ ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް 38 އަހަރަށް ވުރެ ދިގު މުއްދަތަކަށް އިޚުލާޞްތެރިކަމާއެކު މުހިންމު ޚިތުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން، ރައީސް މައުމޫނުގެ ވެރިކަމުގައި، ރާއްޖޭގެ ތަރައްޤީގެ ކަންކަން ރޭވުމަށް އުފެއްދެވި "ނެޝަނަލް ޕްލޭނިންގ އޭޖެންސީ" ގެ ސްޓެޓިސްޓިކަލް ސަރވޭ އޮފިސަރުގެ މަޤާމަށް ޙަސަން ޞާބިރު ޢައްޔަނުކުރެއްވީ 16 ޑިސެމްބަރު 1978 ގައެވެ. އިތުރު ތަޢުލީމާއި ތަޖުރިބާ ހޯއްދެވުމަށް، 1979 ވަނަ އަހަރުގެ އޮގަސްޓު މަހު ޙަސަން ޞާބިރު އެމެރިކާ އަށް ވަޑައިގަތެވެ. މިދަތުރުފުޅުން އެނބުރިވަޑައިގެން ފުރަތަމަ ކުރެއްވި މުހިންމު މަސައްކަތްޕުޅަކީ 1985 ވަނަ އަހަރުގެ ބޯހިމެނުމަށް ތައްޔާރުވެވަޑައިގެންނެވުމެވެ. ރާއްޖެއަށް އެންމެ ފުރަތަމަ ގެނެވުނު ކޮމްޕިޔުޓަރުތައް ގެނެވުނީ މިމަސައްކަތް ކުރުމަށެވެ.
ނޭޝަނަލް ޕްލޭނިންގ އޭޖެންސީ އުވާލައްވައި، 10 ނޮވެންބަރު 1982 ގައި މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް އުފެއްދެވުމާ ގުޅިގެން، އެ ވުޒާރާގެ ތަފާތު މަޤާމުތައް ޙަސަން ޞާބިރު ވަނީ ފުރުއްވާފައެވެ. 1993 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11ވަނަ ދުވަހު، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރިޔާސީ 4 ވަނަ ދައުރަކަށް ހުވާކުރެއްވުމަށްފަހު އެކުލަވައިލެއްވި ކެބިނެޓުގައި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަގާމަށް ޢައްޔަން ކުރެއްވީ ވެސް، ޙަސަން ޞާބިރެވެ. ރައީސް މައުމޫންގެ 5 ވަނަ އަދި 6 ވަނަ ދައުރުގެ ކެބިނެޓުގައި ވެސް ޙަސަން ޞާބިރު ހިމަނުއްވައި، ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމު ވަނީ ޙަވާލުކުރައްވާފައެވެ. ވީމާ، މިމަޤާމު އެންމެ ދިގު މުއްދަތަކަށް ފުރުއްވާފައިވާ ބޭފުޅަކީ ޞާބިރު ކަން ފާހަގަކޮށްލަން ޖެހެއެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއެރުއްވުމަށް އަލްފާޟިލް ޙަސަން ޞާބިރު ކުރެއްވި މަސައްކަތްޕުޅުތަކަށް ބަލައިލާ އިރު، މިމަސައްކަތްޕުޅުތަކުގެ ތެރޭގައި: 1500 ޓަނުގެ މަސް ފިނިކުރެވޭ ކާރުޚާނާއެއްގެ ބިންގާ ގ.އ ކޫއްޑޫގައި އަޅުއްވައިދެއްވުމާއި، ރާއްޖޭގައި 1 މިލިޔަން ގަސް އިންދުމުގެ މަޝްރޫޢު ހިންގެވުން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، ދަނޑުވެރިކަމުގެ މަސައްކަތަށް ޢާންމު ފަރާތްތަކަށް ފަޅުރަށްތައް ކުއްޔަށް ދޫކުރަން ފެށްޓެވީ ވެސް ޙަސަން ޞާބިރުގެ ވަޒީރުކަމުގައެވެ.
ޙަސަން ޞާބިރުގެ ޚިދުމަތް، އޭގެފަހުން ފެނިގެންދިޔައީ، ރާއްޖޭގެ ޚާރިޖީ ދާއިރާއިންނެވެ. އެގޮތުން، މިދާއިރާގައި އެމަނިކުފާނު އަދާކުރެއްވި ބައެއް މަޤާމުތަކުގެ ތެރޭގައި: އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމާއި، ސިންގަޕޫރުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމުގެ އިތުރުން، ޔޫރަޕިއަން ޔޫނިއަންގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމާއި، ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމު ހިމެނެއެވެ. ދިވެހިރާއްޖޭގެ އަދުގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ވެސް ޙަސަން ޞާބިރަކީ، ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރެވެ.