ޚަބަރު
ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތް އެރުއްވި 3 ބޭފުޅުންގެ ތެރެއިން މުޢުތަޞިމް ޢަދުނާން

ޗީފް ޖަސްޓިސް ރިޑަޔަރޑް އަލްއުސްތާޛު މުޢުތަޞިމް ޢަދުނާން / ފޮޓޯ: ޕީއެސްއެމް

ފަރުދުން
27 ޖުލައި 2025، 11:24
27 ޖުލައި 2025، 11:24
ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް ކަމުގައިވާ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން 3 ބޭފުޅަކަށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރުއްވައިފިއެވެ. ރައީސް މި 3 ބޭފުޅުންނަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ލަޤަބު އަރުއްވާފައިވަނީ، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި، ބެރި ދުންމާރި ތާޅަފިލީގެ އަޑާއެކުގައެވެ. ޢިއްޒަތް އެރުވުނު 3 ބޭފުޅުންނަކީ: ޗީފް ޖަސްޓިސް ރިޑަޔަރޑް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން، ގ. ފިޔާތޮށިގޭ ޙަސަން ޞާބިރު، ނިޝާން މުލީގެ ޢިއްޒަތް ލިބިވަޑައިގެންފައިވާ ޤާސިމް އިބްރާހީމް- މި 3 ބޭފުޅުންނެވެ.
ޗީފް ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛް މުޢުތަޞިމް ޢަދުނާން
ޗީފް ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛް މުޢުތަޞިމް ޢަދުނާނަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން ދެއްވާފައިވަނީ: ރާއްޖޭގެ ޝަރުޢީ ދާއިރާއާއި ޤާނޫނީ ދާއިރާއިން މީހުން ބިނާ ކުރެއްވުމަށާއި، ޝަރުޢީ ދާއިރާގެ ކަންކަން ހަރުދަނާ ކުރެއްވުމަށާއި، ރާއްޖޭގެ ޚާރިޖީ ދާއިރާއާ ގުޅޭ ކަންކަމުގައި ދެއްވަން ޖެހޭ ލަފާ ދެއްވުމަށާއި، އެ ރޮނގުރޮނގުން ކުރައްވާފައިވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނު ދައުލަތަށް ޚިދުމަތްކުރައްވަން ފުރަތަމަ ފެށްޓެވީ 1983 ވަނަ އަހަރު، ޚާރިޖީ ވުޒާރާގެ ސެކްރެޓަރީ އެއްގެ ގޮތުގައެވެ. އެމަނިކުފާނަކީ ޚާރިޖިއްޔާގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފުރަތަމަ ފެށްޓެވި ބޭފުޅުންގެ ތެރެއިން ބޭފުޅެއް ވެސް މެއެވެ. ރާއްޖޭގެ ޚާރިޖީ ވުޒާރާގައި އެމަނިކުފާނު އަދާކުރެއްވި މުހިންމު މަސައްކަތްޕުޅުތަކުގެ ތެރޭގައި: ރާއްޖެއިން ބޭރުގެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ދަތިތަކުގައި ޤާނޫނީގޮތުން ދެއްވަންޖެހޭ އެހީތެރިކަން ދެއްވުމާއި، ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ޚާރިޖިއްޔާއިން ކުރަންޖެހޭ މަސައްކަތްތައް ކުރައްވައި ދެއްވަންޖެހޭ ލަފާ ދެއްވުމާއި، ބައިނަލްއަޤްވާމީ އެކިއެކި ފޯރަމްތަކުގައި ދިވެހިރާއްޖެ ތަމްޘީލު ކުރެއްވުން ހިމެނެއެވެ.
ޗީފް ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ، ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މީހުން ބިނާކުރެއްވުމަށްވެސް މުހިންމު މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ. ސްކޫލުތަކުގައްޔާއި، ކޮލެޖުތަކުގައި ޤާނޫނު ކިޔަވައިދިނުމުގެ ތަޢުލީމީ ޕުރޮގުރާމުތައް ފުޅާކުރުމުގައި ވެސް އެމަނިކުފާނު މުހިންމު ދައުރެއް އަދާކުރެއްވިއެވެ. ރާއްޖޭގައި ޤާނޫނީ ދާއިރާއިން މީހުން ބިނާކުރަން ވަކި މަރުކަޒެއް ނެތް ދުވަސްވަރު، އޭލެވެލްގައި ޤާނޫނު ކިޔެވުމުގެ ޝައުޤުވެރިކަން ހުރި ދަރިވަރުންނަށް، އޭލެވެލްއަށް ޚާއްޞަ ކިލާސްތަކެއް 1994 ވަނަ އަހަރު މަޖީދިއްޔާގައި ނަންގަވައިދެއްވަން ފެށްޓެވުމަކީ ވެސް، އެމަނިކުފާނުގެ އަމިއްލަފުޅު އިސްނެންގެވުމުން ކުރެއްވި މުހިންމު މަސައްކަތްޕުޅެކެވެ. ރާއްޖޭގައި ފުރަތަމަ ރަޖިސްޓަރީ ކުރެވުނު ލޯ ފަރމަކީ އެމަނިކުފާނުގެ އިސްނެންގެވުމުގެ ދަށުން ރަޖިސްޓަރީ ކުރެވުނު ލޯ ފަރމެއް ކަމަށް ވީ އިރު، ރާއްޖެއާއި ރާއްޖޭއިން ބޭރުގެ ގިނަ ކުންފުނިތަކަކަށް ޤާނޫނީ ލަފާ ދެއްވުމަކީ ވެސް އަލްއުސްތާޛު މުޢުތަޞިމް ޢަދުނާނު ކުރެއްވި މަސައްކަތްޕުޅެކެވެ.
ފަނޑިޔާރު ކަމުގެ ދާއިރާއިން ދައުލަތަށް ޚިދުމަތްކުރައްވަން އެމަނިކުފާނު ފެށްޓެވީ، 2010 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގައެވެ. 2008 ވަނަ އަހަރު ތަޞްދީޤު ކުރެއްވި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން އެކުލަވައިލެވުނު ދާއިމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި، 14 ޑިސެންބަރު 2014ގެ ނިޔަލަށް އެމަނިކުފާނު ވަނީ ގިނަ ޚިދުމަތްތަކެއް ކުރައްވައިފައެވެ. އެއަށްފަހު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަޤާމަށް އެމަނިކުފާނު ޢައްޔަންކުރެއްވީ، 8 ޑިސެންބަރު 2019 ގައެވެ. 2008 ވަނަ އަހަރު ޢަމަލުކުރަން ފެށި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން އެންމެ ދިގު މުއްދަތަކަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅަކީ ވެސް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާންކަން ފާހަގަކޮށްލެވެއެވެ.
އެމަނިކުފާނު އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމުގައި ހުންނެވި މުއްދަތުގައި، ފަނޑިޔާރުގޭގައި ޢަދުލުއިންޞާފުގެ ކަންކަން އިހަށް ވުރެ ހާމަކަންބޮޑު ގޮތެއްގައި ފާޅު ކުރެއްވުމަށް އަލްއުސްތާޛު މުޢުތަޞިމް ޢަދުނާން ގިނަގުނަ މަސައްކަތްތަކެއް ފެށްޓެވިއެވެ. މީގެތެރޭގައި: ސުޕްރީމް ކޯޓުގެ އަޑުއެހުންތައް ލައިވްކުރައްވަން ފެއްޓެވުމާއި، ނިންމަވާ މައްސަލަތަކުގެ ރިކޯޑިންގ އާއި ރައުޔާއި ޙުކުމް އަވަހަށް ޢާންމުކުރެއްވުމާއި، ކޮންމެ ކޯޓަކުން ވެސް ކުރާ ޙުކުމްތައް ދުވަހުން ދުވަހަށް ޢާންމުކުރުމަށް އިރުޝާދު ދެއްވުމާއި، ކުރާ ކޮންމެ ޙުކުމެއް ޢާންމުންނަށް ތިލަވާނޭ ފަދަ ބަސްމަގަކުން ކުރުމަށް އަމުރުކުރެއްވުން ހިމެނެއެވެ.
ޗީފް ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ، ދިވެހިރާއްޖޭގެ ލޯ ކޮމިޝަންގެ މެންބަރުކަމާއި، 2003 ވަނަ އަހަރު ފުރަތަމަ އުފެއްދެވި ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަމާއި، ފޮރިން އިންވެސްޓްމަންޓް ބޯޑުގެ މެންބަރުކަމާއި، މޯލްޑިވްސް ނެޝަނަލް ޝިޕް މެނޭޖްމަންޓް ލިމިޓެޑުގެ ބޯޑުގެ ޑިރެކްޓަރުކަން ކުރައްވައިފައިވާ ބޭފުޅެކެވެ. އިލެކްޝަންސް ކޮމިޝަނަރަށް ލަފާދޭ ކޮމިޓީގެ މެންބަރުކަން ވެސް ދެފަހަރެއްގެ މަތިން އެމަނިކުފާނު ވަނީ ކުރައްވާފައެވެ.
އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަޤާމުން ރިޓަޔަރ ކުރެއްވީ، މި ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ. ޢުމުރުފުޅުން 60 އަހަރު ވުމުން، މި މަޤާމުން ރިޓަޔަރ ކުރެއްވުމަށް އެ މަނިކުފާނު ވަނީ މާ ކުރިއްސުރެ ވެސް ކަނޑައަޅުއްވާފައެވެ.