ޚަބަރު
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ރައީސް ޑރ މުޢިއްޒު ހުޅުވައިދެއްވައިފި

އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތައް ރައީސް ވަޑައިގަތުން. ފޮޓޯ: ރައީސް އޮފީސް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް މިރޭ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
78 ހާސް އަކަ މީޓަރުގެ މި އައު ޓާމިނަލަކީ އަހަރަކު 7 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރެވިފައިވާ ޓާމިނަލެކެވެ.
އައު ޓާމިނަލްގައި ޗެކްއިން ކުރުމަށް 47 ކައުންޓަރު ހުރުމާއެކު، ކުރިން ދިމާވަމުން އައި ޖާގައިގެ ދަތިކަން ޙައްލުވެގެންދާނެއެވެ. މީގެ އިތުރުން، އައު ޓާމިނަލްގައި އިމިގްރޭޝަން ޚިދުމަތް ދިނުމަށް 20 ކައުންޓަރު ޤާއިމުކުރެވިފައިވެއެވެ. އަދި ޑިއުޓީ ފްރީ ސަރަޙައްދާއި ކެފޭތައްވެސް މި ޓާމިނަލްގައި ހިމެނެއެވެ.
އާ ޓާމިނަލްއާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. މި މަސައްކަތުގެ ސަބަބުން ޓާމިނަލްގެ ކުރިމަތި އަދި ޕާކިން ޒޯން ވަނީ ފާހަގަކުރެވޭ ވަރަށް ތަރައްޤީވެފައެވެ.
މި މަޝްރޫޢު ފުރިހަމަކުރުމަށް އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ވަނީ އިތުރު 40 މިލިޔަން ޑޮލަރުގެ ލޯނު އެހީ ދީފައެވެ. މިއީ 2017 ވަނަ އަހަރު މި މަޝްރޫޢުގެ ފުރަތަމަ މަރުޙަލާތަކަށް ދީފައިވާ 50 މިލިޔަން ޑޮލަރުގެ ލޯނަށް އިތުރުކުރި އަދަދެކެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ބުނެފައިވާ ގޮތުގައި އައު ޓާމިނަލްގެ ހުރިހާ ޚިދުމަތްތަކެއްވެސް ދެމުންދާނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށެވެ. އަދި މި ޓާމިނަލާއެކު ދިވެހިރާއްޖޭގެ އިޤްތިޞާދަށް ވަންނަ އާމްދަނީ އެތައް ގުނައަކުން އިތުރުވެގެންދާނެ ކަމަށް ޤަބޫލުކުރެވެއެވެ.