ޚަބަރު
އޮޕެކް ފަންޑުގެ ޑިރެކްޓަރ ޖެނެރަލް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އޮޕެކް ފަންޑުގެ ޑިރެކްޓަރ ޖެނެރަލް ފޮޓޯ:ރައީސް އޮފީސް
އޮޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޯއެފްއައިޑީ) ގެ ރައީސް ޑރ. ޢަބްދުލްޙަމީދު އަލްޚަލީފާ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރާތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީމިއަދު މެންދުރުފަހު ރައީސް އޮފީހުގައެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޑރ. ޢަބްދުލްޙަމީދު އަލްޚަލީފާއަށާއި އެމަނިކުފާނުގެ ވަފުދަށް ހޫނު މަރުޙަބާއެއް ވިދާޅުވިއެވެ. ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތު ފާހަގަކުރުމާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންނެވީތީ، ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ޑރ. އަލްޚަލީފާ ވިދާޅުވީ، މި މުހިއްމު މުނާސަބަތު ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދަޢުވަތު ލިބިވަޑައިގަތުމަކީ ލިބިވަޑައިގަތް ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި އުފަލެއް ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުޢިއްޒު، އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުއާ ގުޅިގެން ޚާއްސަކޮށް، އޯއެފްއައިޑީގެ ދިގު މުއްދަތުގެ އެހީތެރިކަމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. މޫސުމަށް އަންނަ ބަދަލުތަކާ ، އިޔާދަކުރަނިވި ހަކަތަ، ފެނާއި ނަރުދަމާ ނިޒާމް، އަދި ފުޅާ ދާއިރާއެއްގައި އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުން ހިމެނޭ ގޮތަށް، ކުރިއަށް އޮތްތަނުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވުނެވެ.
ޑރ. އަލްޚަލީފާ ވިދާޅުވީ، އޯއެފްއައިޑީއާ ދިވެހިރާއްޖެއާ ދެމެދު ގާތްގަޑަކަށް ފަންސާސް އަހަރު ދުވަހުގެ ބައިވެރިވުމެއް އޮތްކަން ފާހަގަކުރައްވާ ކަމަށެވެ. އަދި، ރާއްޖޭގެ ތަރައްޤީއަށް އެހީތެރިވުމާއި ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އޯފިޑްގެ ކޮމިޓްމަންޓް އެބަ އޮތްކަން އެމަނިކުފާނު ވަނީ ބަޔާންކުރައްވާފައެވެ.