ޚަބަރު
ކުވައިތު ފަންޑުގެ އެކްޓިންގ ޑިރެކްޓަރ ޖެނެރަލްއާއިއެކު މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި ކޭ.އެފް.އޭ.އީ.ޑީ ގެ އެކްޓިންގ ޑިރެކްޓަރ ޖެނެރަލް ފޮޓޯ:ރައީސް އޮފީސް
ކުވައިތު ފަންޑް ފޮރ ޢަރަބް އިކޮނޮމިކް ޑިވެލޮޕްމެންޓް (ކޭ.އެފް.އޭ.އީ.ޑީ) ގެ އެކްޓިންގ ޑިރެކްޓަރ ޖެނެރަލް، މިސްޓަރ ވަލީދު ޝަމްލާން އަލް-ބަޙްރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ މިސްޓަރ ވަލީދު އެސް. އަލް-ބަޙްރާއި އެކު ވަޑައިގެންނެވި ވަފުދަށް ހޫނު މަރުޙަބާއެއް ވިދާޅުވެ، ރާއްޖޭގެ މިނިވަން ދުވަހުގެ ޚާއްޞަ ޙަފްލާތަކާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށްޓަކައި ރާއްޖެ ވަޑައިގެންނެވުމުން އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
މިސްޓަރ އަލް-ބަޙްރު ވަނީ، އެއަރޕޯޓު ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވުމަށް ލިބުނުކަމީ އުފަލެއްކަން ފާހަގަކުރައްވާފައެވެ. އަދި، ރާއްޖޭގެ މިނިވަންކަމުގެ 60 ވަނަ އަހަރާ ގުޅިގެން ބޭއްވި ޚާއްޞަ ޙަފްލާގައި ބައިވެރިވުމަށް ދަޢުވަތު ލިބިވަޑައިގަތުމަކީ ލިބިވަޑައިގަތް ވަރަށް ބޮޑު ޝަރަފެއް ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެފަރާތުން ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، އިޤްތިޞާދު، ޞިއްޙަތު، އިއާދަކުރަނިވި ހަކަތަ، އަދި މަސްވެރިކަން ފަދަ މުހިންމު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރެވިދާނެ ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ކުވައިތު ފަންޑް ފޮރ ޢަރަބް އިކޮނޮމިކް ޑިވެލޮޕްމެންޓުން ދިވެހިރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ދިގު މުއްދަތަކަށް ދެއްވަމުން ގެންދަވާ އެއްބާރުލުމާއި އެހީތެރިކަމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.