ޚަބަރު
ސަޢުދީ ފަންޑް ފޯ ޑިވަލޮޕްމެންޓްގެ ސީއީއޯ ރައީސް ޑރ މުޢިއްޒުގެ އަރިހަށް ޒިޔާރަތްކުރައްވައިފި

ރައީސް މުޢިއްޒު އަދި ހިޒްއެކްސަލަންސީ ސުލްޠާން ބިން އަބްދުއްރަހްމާން. ފޮޓޯ: ރައީސް އޮފީސް
ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ސީއީއޯ، ހިޒްއެކްސަލަންސީ ސުލްޠާން ބިން އަބްދުއްރަހްމާން އަލް-މުރްޝިދު (އޯ.ޑީ.އާރް.އެމް.ޑީ) މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ރައީސް އޮފީހުގައި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުޢިއްޒު، އަލް-މުރްޝިދު އަދި އެ ބޭފުޅާގެ ވަފުދަށް މަރުހަބާ ދެންނެވިއެވެ. އަދި ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގަތުމަށާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ވަޑައިގެންނެވި ކަމަށްޓަކައި ޝުކުރު ދެންނެވިއެވެ.
ސަޢޫދީ ފަންޑްގެ ސީއީއޯ ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ލިބުނު ފުރުސަތާއި، ދިވެހިރާއްޖޭގެ މިނިވަންކަމުގެ 60 ވަނަ އަހަރީ ފާހަގަކުރުމުގެ ޖަލްސާތަކުގައި ބައިވެރިވުމަށް ދެއްވި ދަޢުވަތަކީ ވަރަށް ބޮޑު ޝަރަފެއް ކަމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުޢިއްޒު، އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގައި ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން ދެއްވާފައިވާ އަގުހުރި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އަލް-މުރްޝިދު ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫޢުގެ ކުރިއެރުން ސަޢޫދީ ރޯޔަލް ކޯޓުން ވަރަށް ގާތުން ބައްލަވަމުން ގެންދެވިއެވެ.
މީގެއިތުރުން މި ބައްދަލުކުރެއްވުމުގައި ރައީސް އަދި ސަޢޫދީ ފަންޑްގެ ސީއީއޯ، ހައުސިންގ، މަސްވެރިކަން އަދި ސިއްހީ ދާއިރާގައި ކުރިއަށް އޮތްތަނުގައި އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.