ޚަބަރު
އަޅުވެތިކަމުގެ މައްޗަށް މިނިވަންކަމުގެ އަލިކަން ގެނުވުމުކީ ދިވެހި ތާރީޚުގެ ޚާއްޞަކަމެއް: ވަޒީރު އާދަމް ނަޞީރު

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި "ފަރުދުން"އަށް ވަޒީރު އާދަމް ނަޞީރު ދެއްވި ބަސްދީގަތުމުގައި ވާހަކަދައްކަވަނީ.

ފަރުދުން
26 ޖުލައި 2025، 01:48
26 ޖުލައި 2025، 01:48
ތާރީޚުގައި ދިވެހީން އަޅުވެތިވެފައިވާ ކޮންމެ ފަހަރަކުމެ، އަޅުވެތިކަމުގެ އަނދިރިކަމުގެ މައްޗަށް މިނިވަންކަމުގެ އަލިކަން ގެނުވުއި އަޅުވެތިކަން ފައްސާލުމަކީ، ދިވެހި ތާރީޚު އެކަމަކަށް ހެކިދޭ ޚާއްޞަ ޙަޤީޤަތެއް ކަމަށް، ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި "ފަރުދުން" އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ.
ވަޒީރު އާދަމް ނަޞީރު ފާހަގަކުރެއްވި ގޮތުގައި، ދިވެހިންނަކީ ޤަދީމީ ޙަޟާރަތެއް ލިބިގެންވާ ދައުލަތެއްގެ ވެރި ބައެކެވެ. މިދިވެހި ޖަޒީރާތަކުގައި ދިވެހިން ވަޒަންވެރިވެ ދިރިއުޅެމުން އަންނަތާ 4000 އަހަރަށް ވުރެ ދިގު މުއްދަތެއް ވޭތު ވެފައިވާ އިރު، މިކަމަކީ ދިވެހިންނަށް ލިބޭ މަތިވެރި ޝަރަފެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ދިވެހި ތާރީޚުގެ ދޮށީކަމުގެ ހެކިބުރުހާނުތަކުގެ ތެރޭގައި، ދިވެހި ބަހާއި ބަހުރުވައާއި، ދިވެހިންގެ މުއްސަނދި ޘަޤާފަތް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަމުގެ މިޘާލެއްގެ ގޮތުން ވަޒީރު އާދަމް ނަޞީރު ވިދާޅުވީ، ދިވެހި ބަހުގައި މާތްކަމުގެ އެކިއެކި ދަރަޖަތައް ހުރުމުން، ދިވެހިބަހަކީ ހެޔޮވިސްނުމާއި އުޅުން ހުރި ބަޔަކު ތަރައްޤީ ކޮށްފައިވާ ބަހެއް ކަން ދޭހަވާ ކަމަށެވެ. ދިވެހި ލިބާހުގައި ހިރު އަޅާފައި ހުންނަ ގޮތްތަކުން އަންހެން ކަނބަލުންގެ ފަންތި ހާމަވެގެން ދިއުމަކީ ވެސް ދިވެހި ޙަޟާރަތުގެ މުއްސަނދިކަމުުގެ އަލިގަދަ ހެއްކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދިވެހިބަހާއި ޘަޤާފަތާއި ތަރިކާ އާ ބެހޭ ވަޒީރު ވިދާޅުވެފައިވާ ގޮތުގައި، މިފަދަ މުއްސަނދި ތަރިކައެއް ދިވެހިންނަށް ލިބިގެންވީ އިރު، އެތަރިކަ ރައްކާތެރި ކުރުމަށް ދިވެހިން އައީ ނުހަނު ބޮޑު އަހަންމިއްޔަތެއް ދެމުންނެވެ. މިގޮތުން، ދިވެހިން އަޅުވެތިކަމުގެ ދަށަށް ދާން ޖެހިފައިވީ ކޮންމެ ފަހަރަކުމެ، އަޅުވެތިކަމުގެ އަނދަވަޅުން އަރައިގަނެ، މިނިވަންކަން ހޯދާފައިވުމަކީ ދިވެހި ތާރީޚުގެ ވަރަށް ޚާއްޞަ ޙަޤީޤަތެއް ކަމަށް އާދަމް ނަޞީރު ފާހަގަކުރެއްވިއެވެ. ޗޯޅާއިންގެ އުނދަގޫތަކާއި، ފުށެތިކާލުން (ޕޯޗުގީޒުން)ގެ ބާރުވެރިކަމާއި، ހޮޅިންގެ ޙަމަލާތަކާއި، އިނގިރޭސިންގެ "ޙިމާޔަތާއި" މިއެންމެހައި ކަންކަމުން ދިވެހިން އަރައިގަނެފައިވަނީ މިނިވަންކަމުގެ ވަރުގަދަ ޢަޒުމަކާ އެކުގައެވެ.
މިނިވަންކަމުގެ އަޞްލުތަކަށް އަލިއަޅުއްވާލައްވަމުން، ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ، މިނިވަންކަމުގެ ފުރަތަމަ މަރުޙަލާ އަކީ މިނިވަންކަމުގެ ވިސްނުމާއި ފިކުރު ގެންގުޅުން ކަމުގައެވެ. ދިވެހިންގެ ދަނޑުބިންތަކާއި ކަނޑުފަޅުތަކަކީ ދިވެހީން ނޫން ބަޔަކު ބާރުފޯރުވައިގެން ނުވާނޭ ސަރަޙައްދުތަކެއްކަން ދިވެހީން ޤަބޫލުކުރަން ޖެހެއެވެ. ވަޒީރު ވިދާޅުވީ، މިނިވަން ކަމުގެ ޢަމަލީ މަސައްކަތަކީ މިއިޢުތިޤާދުގެ މައްޗަށް ބިނާ ވެގެންދާ ކަމެއް ކަމަށެވެ. މިނިވަންކަމުގެ ޢަމަލީ ބައިގައި ޢަސްކަރީ ބާރުތައް ވަރުގަދަ ކުރަން ޖެހޭ ކަމަށާއި، މީގެ ތެރޭގައި ބިމާއި، ކަނޑާއި، ވައިގެ މަގުތަކުން މިދިވެހި ފަސްގަނޑު ރައްކާތެރިކުރުން ހިމެނޭ ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ދިވެހި އެންމެހައި ރައްޔިތުންނަށް ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ތަހާނީ އަރިސްކުރައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ޙިމާޔަތްކުރެއްވުމަށް އިސްވެދެންނެވުނު އަސާސްތަކުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުހިންމު މަސައްކަތް ތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.