ޚަބަރު
ހަށިގަނޑާއި ފުރާނައިން މި ގައުމުގެ މިނިވަންކަން ދިފާޢުކުރުމަށް އަބަދުވެސް ދިވެހި ސިފައިން ތިބޭނެ: ޗީފް އޮފް ޑިފެންސް ފޯސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދިވެހި ފުލުހުންނާއި ސިފައިންނަށް ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ- ފަރުދުން
ހަށިގަނޑާއި ފުރާނައިން މި ގައުމުގެ މިނިވަންކަން ދިފާޢުކުރުމަށް އަބަދުވެސް ދިވެހި ސިފައިން ތިބޭނެކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާޞަބަތުގައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންނާއި ފުލުހުންގެ އެންމެމަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ސިފައިންނާއި ދިވެހި ފުލުހުންނާ މިއަދު ބައްދަލުކުރެއްވުމަށް ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވީ، ދިވެހި އަސްކަރިއްޔާގެ ކުރިމަތި ބައްޓަން ކުރެވިގެން ދަނީ، މި ގައުމުގެ މިނިވަންކަން ދިފާޢުކުރުމުގެ ގާބިލު ބަޔަކަށް ސިފައިން ވުމަށް ކަމަށެވެ.
ހަމައެއާއެކު، ދިވެހި ރައްޔިތުންގެ ހިތުގެ ލޯތްބާއި އިޙްތިރާމާއި އިތުބާރު ލިބޭ ބައެއްގެ ގޮތުގައި ދެމި ތިބުމުގެ އިތުރުން ރައްޔިތުންނަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި މަދަދުގާރެއްގެ ގޮތުގައި ރެއާއި ދުވާލު، އަތްވާއި ވާރޭގައި ފަސްނުޖެހި ތިބޭ ބަޔަކަށް ސިފައިން ވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޚިލްމީ ވިދާޅުވީ، ދިވެހި ސިފައިންނަކީ، ސައުވީސް ގަޑިއިރު ގައުމީ ޚިދުމަތުގައި ދެމިތިބޭނެ ބައެއް ކަމަށާއި، މާތްﷲ ގަންދީ ކޮށްފައިވާ ހުވައިގައި ސާބިތުވެ ތިބެ، ހަށިގަނޑާއި ފުރާނައިން މި ގައުމުގެ މިނިވަންކަން ދިފާޢުކުރުމަށް ޓަކައި އަބަދުވެސް ދިވެހި ސިފައިން ތިބޭނީ ތައްޔާރަށް ކަމުގައެވެ.
މޭޖަރ ޖެނެރަލް އިބްރާހިމް ޙިލްމީ ވިދާޅުވީ، 3 ނޮވެމްބަރު 1988 ގައި ދިވެހި އަސްކަރިއްޔާއިން ސާބިތުކޮށްދިނީ ދިވެހީންގެ މިނިވަންކަން ދިފާޢުކުރުމަށް ކުޑަކޮށްވެސް ފަހަތަށް ޖެހޭނެބައެއް ނޫންކަމުގައެވެ. ޤައުމު ދިފާއުކުރަން ޖެހިއްޖެ ހާލަތުގައި އެންމެ އިންޗިއެއްވެސް އަދި އެންމެ މިލިމީޓަރެއްވެސް ފަހަތަށް ޖެހޭނެބައެއް ނޫންކަން ދެއްކެވިކަމަށްވެސް ވިދާޅުވިއެވެ. ހަމައެއާއެކު ދިވެހި ސިފައިން ހަށިގަނޑާއި ފުރާނާއިން ޤުރުބާންވާނީ ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމަށްކަމަށްވެސް ޗީފް އޮފް ޑިފެންސް ވިދާޅުވިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީވަނީ، ޤައުމީ ޚިދުމަތުގައި އެހީތެރިކަމަށް އެދި ގޮވާލި ކޮންމެ ދަނޑިވަޅެއްގައި ދިވެހި ފުލުހުންގެ ފަރާތުން ލިބިގެންދާ އެހީތެރިކަން ފާހަގަކުރައްވާ، ދިވެހި ފުލުހުންގެ ޚިދުމަތަށް ޝުކުރުއަދާކުރައްވާފައެވެ. ހަމައެއާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގެ ދަށުން އަސްކަރިއްޔާ ހަރުދަނާކުރެއްވުމަށް ކުރައްވަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައިވެއެވެ.