ޚަބަރު
އިންޑިއާގެ އެހީގައި އިމާރާތް ކުރި 3300 ހައުސިން ޔުނިޓް ނިންމައި ރަމްޒީ ތަޅުދަނޑި ހަވާލުކޮށްފި

ހައުސިންގ ޔުނިޓް ތަކުގެ ރަމްޒީ ތަޅުދަނޑި ހަވާޅުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯން އެހީގައި ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 3،300 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިވެހި ސަރުކާރާ ހަވާލުކުރައްވައިފިއެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ 227 މިލިޔަން ޑޮލަރު (3.5 ބިލިޔަން ރުފިޔާ) ގެ ލޯނުގެ އެހީގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދާ 4،000 ހައުސިން ޔުނިޓްގެ މަޝްރޫޢުގެ ދަށުން، ކޭޕީއައިއެލްއިން 16 ޓަވަރާއި އެންބީސީސީން 16 ޓަވަރު އިމާރާތްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ ހައުސިން ޔުނިޓްތަކުގެ ތެރެއިން 2 ކޮޓަރީގެ 1،200 ޔުނިޓާއި 3 ކޮޓަރީގެ 2،800 ޔުނިޓް ހިމެނެއެވެ. 2 ކޮޓަރީގެ ޔުނިޓްތަކުގައި 650 އަކަފޫޓު ހުންނައިރު، 3 ކޮޓަރީގެ ފްލެޓްތަކުގައި 900 އަކަފޫޓު ހުންނާނެއެވެ. މިހާރު މި ހައުސިން ޔުނިޓްތައް ލިބޭ ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ.
މީގެ އިތުރުން، ދެ ޤައުމުގެ ދެމެދު މުހިންމު ދާއިރާތަކުން އެއްބަސްވުން ބަދަލުކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި އިންޑިއާއިން ވަނީ ރާއްޖޭގެ ދިފާޢީ ބާރަށް 72 ވެހިކަލް ހަދިޔާކޮށްފައެވެ. މީގެ ތެރޭގައި 27 ގޮނޑީގެ 8 ބަސް، 10 ޕިކަޕް، 10 ކުދި ވޭން، 10 ވޭން، 5 ލޮރީ، 8 ޓްރެކްޓަރ، 4 ޓިޕަރ ޑަމްޕް ޓްރަކް، 4 ބެކްހޯ ލޯޑަރ، 2 ކެރޭން، 6 މިނީ އެކްސްކަވޭޓަރ އަދި 5 އެކްސްކަވޭޓަރ ހިމެނެއެވެ.
އިންޑިއާއިން މި ތަކެތި ހަވާލުކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. އަދި މިތަކެތީގެ ރަމްޒީ ތަޅުދަނޑިއާ ހަވާލުވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.