ޚަބަރު
ދެމެހެއްޓެނިވި ގޮތުގައި މަސްވެރިކަމާއި އެކުއަކަލްޗަރ ދާއިރާ ކުރިއަރުވަން އިންޑިއާގެ އެހީތެރިކަން ދެނީ

ދިވެހި ރާއްޖެއާއި އިންޑިއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން
މަސްވެރިކަމާއި އެކުއަކަލްޗަރގެ ދާއިރާއިން ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު އެއްބާރުލުން އިތުރުކުރުމަށް މިއަދު ދެ ޤައުމުގެ މެދުގައި ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު، އަޙުމަދު ޝިޔާމެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އެ ޤައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ، ޑރ. އެސް ޖައިޝަންކަރެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ ދެމެހެއްޓެނިވި ގޮތުގައި ކަނޑުމަހުގެ މަސްވެރިކަން ކުރިއެރުވުމާއި، ދެމެހެއްޓެނިވި ވަސީލަތްތައް މެނޭޖްކުރުން ހަރުދަނާކުރުމާއި އެކުއަކަލްޗަރ ދާއިރާ ކުރިއެރުވުމެވެ. މީގެ އިތުރުން ތިމާވެއްޓާ ރައްޓެހި މަސްވެރި-ފަތުރުވެރިކަން ކުރިއެރުވުމާއި، ދެ ޤައުމުގައި ވެސް އިޖާދީ ކަންކަމާއި ސައިންޓިފިކް ދިރާސާތައް ކުރުމަށް އެހީތެރިވެދިނުން ހިމެނެއެވެ.
މި އެއްބަސްވުމުގެ ދަށުން ވެލިއު ޗެއިން ތަރައްޤީކުރުމާއި، ތަމްރީނާއި، ދިރާސާތަކުގައި އެއްބާރުލުން ދީ މަސްވެރިކަމުގެ ދާއިރާގެ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރެވޭނެއެވެ. އަދި ދިވެހިރާއްޖޭގެ މެރިކަލްޗަރ ދާއިރާގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމާއި، އިންވެސްޓްމަންޓް ފުރުސަތުތައް ފަހިކޮށްދިނުމަށްވެސް މަގުފަހިވެގެންދާނެއެވެ.
މި ފަހުމުނާމާއަކީ ދެމެހެއްޓެނިވި ގޮތުގައި މަސްވެރިކަމުގެ ވަސީލަތްތައް ބޭނުންކުރުމަށާއި، ތިމާވެށި ރައްކާތެރިކުރުމަށް ދެ ޤައުމުން ކުރާ މަސައްކަތްތަކަށް އެހީތެރިވެވޭނެ މުހިންމު އެއްބަސްވުމެކެވެ. އަދި ދެ ޤައުމުގެ މެދުގައި ހިއްސާކުރެވޭ މަޢުލޫމާތާއި ތަޖުރިބާގެ ސަބަބުން މަސްވެރިކަމުގެ ދާއިރާގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ފަސޭހަވެގެންދާނެއެވެ.
މި ފަހުމުނާމާއަކީ ދިވެހިރާއްޖެ އާއި އިންޑިއާގެ މެދުގައި މަސްވެރިކަމުގެ ދާއިރާގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމުގެ މަސްވެރިކަމުގެ ޞިނާޢަތް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ވުޒާރާއިން ފާހަގަކުރައްވައެވެ. އަދި މީގެ ސަބަބުން ދެ ޤައުމުގެ މަސްވެރިކަމުގެ ދާއިރާއަށް ފައިދާކުރަނިވި ނަތީޖާތަކެއް ޙާޞިލުކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި މި ދާއިރާ ކުރިއަރައިގެންދާނެކަމަށް އުންމީދުކުރެވެއެވެ.