ޚަބަރު
ފެންވަރު ރަނގަޅު ބޭސް ކަށަވަރުކުރުމަށް އިންޑިއާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެއާއި އިންޑިއާ އާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރުން
ފެންވަރު ރަނގަޅު ބޭސް ލިބުން ކަށަވަރުކޮށް، ރެގިއުލޭޓަރީ ބުރަތައް ކުޑަކުރުމުގެ މަޤްޞަދުގައި އިންޑިއަން ފާމަކޯޕީއަ ކޮމިޝަނާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާ ދެމެދު މުހިންމު އެއްބަސްވުމެއްގައި މިއަދު ސޮއިކުރެވިއްޖެއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ޝްރީ ޖީ. ބާލާސުބްރަމަނިއަންއެވެ.
މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖެއިން އިންޑިއަން ފާމަކޯޕީއަ ބަލައިގަންނާނީ ރާއްޖޭގައި އުފައްދާ އަދި އިމްޕޯޓްކުރާ ބޭސްތަކުގެ މިންގަނޑުތައް ކަނޑައަޅާ ރަސްމީ ފޮތެއްގެ ގޮތުގައެވެ. މީގެ ސަބަބުން އިންޑިއާއިން އެތެރެކުރާ ބޭސްތައް ދެވަނަ ފަހަރަށް ޓެސްޓްކުރަން ނުޖެހި، އިންޑިއާގެ އުފެއްދުންތެރިން ދޫކުރާ ސެޓްފިކެޓް އޮފް އެނަލިސިސް ދިވެހި އިދާރާތަކުން ސީދާ ބަލައިގަނެވޭނެއެވެ.
މި އެއްބަސްވުމުގެ ދަށުން ފެންވަރު ބެލުމުގެ ތަޙްލީލުތަކަށް ބޭނުންވާ އިންޑިއަން ފާމަކޯޕީއާ ރެފަރެންސް ސްޓޭންޑަޑްސް އަދި އިމްޕިއުރިޓީ ސްޓޭންޑަރޑްސް އައިޕީއާރްއެސް މެދުވެރިކޮށް އެކަށީގެންވާ އަގުގައި ލިބިގެންދާނެކަމަށް ވުޒާރާއިން ފާހަގަކުރައްވައެވެ. އަދި މީގެ ސަބަބުން ޖެނެރިކް ބޭސް ތައްޔާރުކުރުމަށް ރަނގަޅު ފުރުސަތުތަކެއް ހުޅުވި، ދިވެހިރާއްޖޭގައި ހެޔޮއަގުގައި ބޭސް ލިބުމަށް މަގުފަހިވެގެންދާނެއެވެ.
މި އެއްބަސްވުމަކީ ދިވެހިރާއްޖެ ފަދަ ޤައުމަކަށް ވަރަށް މުހިންމު އެއްބަސްވުމެއް ކަމަށާއި، މީގެ ސަބަބުން ފެންވަރު ރަނގަޅު ބޭސް ލިބުން ކަށަވަރުވެ، ރެގިއުލޭޓަރީ ބުރަތަކާއި އެކަމާ ގުޅުންހުރި ޚަރަދުތައް ކުޑަވެގެންދާނެއެވެ.