ޚަބަރު
އައު ޓަރމިނަލް ހުޅުވާ ދުވަހު ބާރުބޮޑުވާނެ، ފަސިންޖަރުން އެކަމަށް ސަމާލުވޭ: މޯލްޑިވިއަން

މޯލްޑިވިއަންގެ ފްލައިޓެއް. ފޮޓޯ: މޯލްޑިވިއަން
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ހުޅުވުމަށް މާދަމާ ކުރިއަށް ގެންދާ ހަރަކާތްތަކާއެކު އެއަރޕޯޓު ބާރުބޮޑުވާނެތީ އެކަމަށް ފަސިންޖަރުން ސަމާލުވުމަށް ޤައުމީ އެއަރލައިން މޯލްޑިވިއަނުން އިލްތިމާސްކޮށްފިއެވެ.
މޯލްޑިވިއަނުން މިކަން ފާހަގަކޮށްފައިވަނީ ޖުލައި 26 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ފަސެންޖަރ ޓާމިނަލް ހުޅުވުމާ ގުޅިގެން އެއަރޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ ޢަދަދު އިތުރުވެ، އެއަރޕޯޓާއި އެ ސަރަޙައްދުތަކުގައި ދުއްވާއެއްޗެހި ގިނަވެ، ތޮއްޖެހުން ބޮޑުވާނެކަމަށް ލަފާކުރެވޭތީއެވެ.
މި ކަމާ ގުޅިގެން މޯލްޑިވިއަނުން ވަނީ ބައިނަލްއަޤްވާމީ ދަތުރުތަކުގައި ދަތުރުކުރާ ފަސިންޖަރުން ދަތުރަށް ފުރުމުގެ 3 ގަޑިއިރު ކުރިން، އަދި އެތެރޭގެ ދަތުރުތަކުގައި ދަތުރުކުރާ ފަސިންޖަރުން ދަތުރަށް ފުރުމުގެ 2 ގަޑިއިރު ކުރިން އެއަރޕޯޓަށް ދިއުމަށް އިލްތިމާސްކޮށްފައެވެ.
ހަމަ އެހެންމެ، ވީހާވެސް އަވަހަށް ޗެކްއިންކޮށް ސެކިއުރިޓީ ކްލިއަރެންސް ފުރިހަމަކުރުމަށާއި ކުރިއާލާ ދަތުރު ރާވައި މަގުތައް ތޮއްޖެހޭނެކަމަށް ބަލައި އެއަރޕޯޓަށް ވަގުތު އޮއްވައި ދިއުމަށްވެސް މޯލްޑިވިއަނުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޕެސެންޖަރ ޓާމިނަލްގެ އެންމެ ފުރަތަމަ ދަތުރު ފަށާނީ ޤައުމީ އެއަރލައިން މޯލްޑިވިއަނުންކަން ވެސް ވަނީ އިއުލާންކޮށްފައެވެ.