Ads by Stelco

ޚަބަރު

ރާއްޖެ އާއި އިންޑިއާއާ ދެމެދު ތަރައްޤީގެ ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

ރާއްޖެ އާއި އިންޑިއާއާ ދެމެދު ތަރައްޤީގެ ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

ރައީސް ޑރ މުޢިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 ޖުލައި 2025، 07:19

25 ޖުލައި 2025، 07:19

ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު 8 ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި އެއްބަސްވުންތަކުގެ ތެރޭގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމަށް މަޝްވަރާތައް ފެށުމާއި، 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފްރޭމްވޯކް އެއްބަސްވުމާއި، ޑޮލަރ ކްރެޑިޓް ލައިން އެއްބަސްވުން ހިމެނެއެވެ. މީގެ އިތުރުން މަސްވެރިކަމާއި އެކުއަކަލްޗަރގެ ދާއިރާއިންނާއި، ކޮލިޓީ ބޭސް ފޯރުކޮށްދިނުމާއި، މޫސުމާބެހޭ ޢިލްމާއި ޖައްވުގެ ޢިލްމާއި ތިމާވެށި މޮނިޓަރކުރުމުގެ ދާއިރާއިން އޮނިގަނޑެއް ޤާއިމުކުރުމާ ބެހޭ އެއްބަސްވުންތަކުގައިވެސް ވަނީ ސޮއިކުރެވިފައެވެ.

އަދި ޑިޖިޓަލް ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ކްރޮސް ބޯޑަރ ރެމިޓެންސް އެއްބަސްވުމުގައިވެސް ދެ ޤައުމުގެ މެދުގައި ސޮއިކުރެވުނެވެ. މި އެއްބަސްވުންތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ކަމާގުޅޭ ވަޒީރުން ސޮއިކުރައްވާފައިވާއިރު، އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެ މަނިކުފާނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއާ، ވަޒީރުންނާއި ޚާރިޖިއްޔާގެ އިސް ބޭފުޅުން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މިއަދު ސޮއިކުރި އެއްބަސްވުންތަކަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ދެ ޤައުމަށް ފައިދާތަކެއް ލިބިގެންދާނެ އެއްބަސްވުންތަކަކަށް ވެގެންދާނެކަމަށެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން