ޚަބަރު
ބޮޑުވަޒީރު މޯދީގެ ދަތުރުފުޅާއި ގުޅިގެން ގިނަ ސަރަޙައްދުތަކެއްގައި ހުރި ސައިކަލުތައް ގެެންގޮސްފި

ސަލްމާން މިސްކިތް ކައިރި. ފޮޓޯ: ސަން
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ދިވެހިރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން މާލޭގެ 11 ސަރަޙައްދެއްގައި ޕާކުކޮށްފައި ހުރި އެއްގަމު އުޅަނދުތައް ސަލްމާން މިސްކިތް ސަރަޙައްދަށް ގެންގޮސްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކް ޕޮލިހުން މިކަން ކުރިއަށް ގެންގޮސްފައިވަނީ އެމް.އެމް.އެޗް ކައިރި، ބޮޑުތަކުރުފާނު މަގުން ބީ.އެމް.އެލް ކައިރި، އެޓްލަސް ޒޯން، އަމީރު އަހުމަދު މަގުން އިސްލާމީ މަރުކަޒު އަދި ބީ.ކޭ ކައިރި، ޖުމްހޫރީ ހިނގުން، ޗާންދަނީމަގު، މެދުޒިޔާރަތްމަގު ސަކީނާ މަންޒިލް ކައިރި، ރައީސް އޮފީސް ކައިރި، އޯކިޑްމަގު އެސްޓީއޯ ސުޕަމާޓް ކައިރި، ސީގަލް ކައިރި އަދި ހުސެއިނީ ގޯޅި އަދި ވެލާނާގެ ކަންމަތި ޕާކިންގ ޒޯނުންނެވެ.
މި ސަރަހައްދުތަކުން ގެންދެވުނު އުޅަނދުތައް ވަގުތީގޮތުން ބަހައްޓާފައިވަނީ ސަލްމާން މިސްކިތް ސަރަޙައްދުގައެވެ. އަދި އުޅަނދުގެ ވެރިފަރާތްތަކަށް އެ އުޅަނދުތައް އަނބުރާ ގެންދެވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް ޕޮލިހުން މަޢުލޫމާތު ދީފައިވެއެވެ.
އިންޑިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅާ ގުޅިގެން ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ޕޮލިހުން ބުނެއެވެ. އަދި މި ދަތުރުފުޅުގެ ތެރޭގައި ބައެއް މަގުތައް ވަގުތީގޮތުން ބަންދުކުރެވި، ޓްރެފިކް ބަދަލުތަކެއް އަންނާނެ ކަމަށްވެސް އަންގާފައިވެއެވެ.