ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަށް ސްރީލަންކާގެ ރައީސް ރާއްޖެ ވަޑައިގަންނަވަނީ

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނާޔަކަ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނާޔަކަ ޖުލައި މަހުގެ 28 އިން 30 އަށް ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒާއި ރައީސް ޑިސަނާޔަކަ، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެފަރާތަށް ވެސް ފައިދާހުރި ދާއިރާތަކުގައި ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ.
މިއީ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ރައީސް ޑިސަނާޔަކަ މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދައުލަތުގެ ދަތުރުފުޅެވެ. ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. މި އަހަރަކީ ދެޤައުމުގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރޭ އަހަރުކަމުގައި ވުމުން، މި ދަތުރުފުޅަކީ އިތުރު މުހިންމުކަމެއް ލިބިގެންވާ ދަތުރުފުޅެކެވެ.