Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 ޖުލައި 2025، 10:24

25 ޖުލައި 2025، 10:24

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅު ކުރައްވަނީ، ރާއްޖޭގެ 59 ވަނަ މިނިވަންދުވަހުގެ މުނާސަބާ ފާހަގަކުރާ ދަނޑިވަޅެއްގައެވެ.

އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމުން، އެމަނިކުފާނަށް ދިވެހިރާއްޖެއިން މަރުޙަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މީގެ އިތުރުން ވަޒީރުންނާއި ޚާރިޖިއްޔާގެ އިސް ބޭފުޅުންވެސް ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މި ދަތުރުފުޅުގައި އެ ޤައުމުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

މިއީ އިންޑިއާގެ ބޮޑުވަޒީރުގެ މަޤާމާ ތިންވަނަ ފަހަރަށް ޙަވާލުވެވަޑައިގެންނެވިފަހުން އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ދެ ދުވަހުގެ މި ދަތުރުފުޅުގެ ރަސްމީ ހަރަކާތްތައް މިއަދު މެންދުރުފަހު ފެށިގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުން ވިދާޅުވާ ގޮތުގައި، މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ދެ ޤައުމުގެ ދޭދޭ ގުޅުމާއި ސަރަހައްދީ މަސްލަހަތުތަކާ ގުޅޭ މަތީފަންތީގެ މަޝްވަރާތައް ބާއްވާނެއެވެ. އަދި އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށާއި ގުޅުން ބަދަހިކުރުމަށް ފަހުމުނާމާތަކުގައި ސޮއި ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިދިޔަ ބުދަ ދުވަހު އެކްސްގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ، ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބާއާ ދިމާކޮށް ރާއްޖެ ވަޑައިގެންނެވުމަކީ ލިބޭ ޝަރަފެއްކަމަށެވެ. ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅުގައި މިނިވަންދުވަހުގެ ބައެއް އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

އިންޑިއާއާއި ދިވެހިރާއްޖެއާ އޮތް ގުޅުމުގެތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރަސްމީ ދެ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަންނަވާފައެވެ. އެމަނިކުފާނުގެ ފުރަތަމަ ދަތުރުފުޅަކީ މިދިޔަ އަހަރު ޖޫން މަހު ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު އިންޑިއާއަށް ފުރަމާނަ ދަތުރުފުޅެއްގައި ވަޑައިގަންނަވާފައެވެ.

އިންޑިއާއާއި ދިވެހިރާއްޖެއަކީ ޒަމާންވީ ގާތް ގުޅުމެއް ދަމަހައްޓަމުން އަންނަ ދެ ޤައުމެވެ. އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ރަސްމީ މި ދަތުރުފުޅު ދިމާވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރަށްވާއިރު، މިއީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާވެސް 60 އަހަރު ފުރޭ މުނާސަބާއެވެ.

ދެ ޤައުމުގެ ގުޅުމުގެތެރެއިން، ރާއްޖޭގެ ތަރައްޤީއަށް އެކި ރޮނގުރޮނގުން އިންޑިއާއިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެތެރޭގައި ޢުމްރާނީ ތަރައްޤީގެ ބޮޑެތި ބިޔަ މަޝްރޫޢުތަކުން ފަށައިގެން، ވަކިވަކި ރަށްތަކުގައި ރަށު ފެންވަރުގައި ހިންގާ މަޝްރޫޢުތައް ހިމެނެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން