ޚަބަރު
ޢަބްދުއްރަޙްމާންގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު ބާއްވަނީ

އއ. މާޅޮސް އޯކިޑްމާގެ ޢަބްދުއްރަޙްމާން ފޮޓޯ: ޕީއެސްއެމް
އއ. މާޅޮހުގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޢަބްދުއްރަޙްމާން އާދަމްގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށްފަހު، ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު ބޭއްވުމަށް ނިންމައިފިއެވެ. ޢަބްދުއްރަޙްމާން އާދަމް (65އ.) ނިޔާވިއިރު، އޭނާއަށް ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދެމުން ދިޔައީ މިމަހުގެ 13 ވަނަ ދުވަހުއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ޢަބްދުއްރަޙްމާން އާދަމްގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމީ މަރުގެ ސީދާ ސަބަބު ދެނެގަތުމަށާއި، ތަޙްޤީގަށް ބޭނުންވާ ހެކި ހޯދުމަށް ކަމަށެވެ. ޢަބްދުއްރަޙްމާންގެ ހަށިގަނޑު މާލެ ގެނައީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އަދި ޕޯސްޓުމޯޓަމް ހެދުމަށް އިންޑިއާގެ ތްރިވަނަންތަޕުރަމަށް ފޮނުވާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.
ފުލުހުންގެ މަޢުލޫމާތު ދެއްވި ގޮތުގައި ޢަބްދުއްރަޙްމާން އާދަމްގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށްފަހު އަނބުރާ މާލެގެނެސް މޯޗަރީއަށް ލާފައިވަނީ ރޭ 19:50 ހާއިރުއެވެ. އއ. މާޅޮސް އޯކިޑްމާގެ ޢަބްދުއްރަޙްމާންގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު، މާލޭ މަސްޖިދުއްތަޢާވުން އާސަހަރާ މިސްކިތުގައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުންގެ ޓީމެއް އއ. މާޅޮހުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެ ރަށަށް އަރާ ފައިބާ މީހުން މޮނީޓަރ ކުރަމުންދާކަމަށް ވިދާޅުވެފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒަޚަމްތަކަކާއެކު ފެނިފައިވާ ޢަބްދުއްރަޙްމާން ދިރިއުޅެމުން ދިޔައީ ގޭގައި އޭނާގެ އަނބިމީހާއެކުގައެވެ. ނަމަވެސް ހާދިސާ ހިނގި ވަގުތު އަނބިމީހާ ހުރީ އެގޭގެ އެހެން ކޮޓަރިއެއްގައިކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ވަނީ މަޢުލޫމާތު ދީފައެވެ. ފުލުހުން މިމައްސަލަ އިތުރަށް ތަޙްޤީގު ކުރަމުން ދެއެވެ.