ޚަބަރު
ސިޔާސީ އޮއިވަރަށްވުރެ ޤައުމީ ލޯބި އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ސިޔާސީ އޮއިވަރަކީ ޤައުމީ ލޯބީގެ ކުރިމަތީގައި އެއްވެސް މާނައެއް ހުރި އެއްޗެއް ނޫންކަމަށާއި، ދިވެހިވަންތަ އަސާސުތައް ވިއްކާނުލާ، ރައްކާތެރިކޮށް ހިމާޔަތްކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ނ. ވެލިދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ދިވެހިންގެ ދިވެހިވަންތަ "އައިޑެންޓިޓީ"ގެ އަސާސުތައް ވިއްކާނުލާ ރައްކާތެރިކޮށް ޙިމާޔަތްކުރަންޖެހެއެވެ. އަދި އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ މުޖުތަމަޢުގައި އޮންނަންޖެހޭ ހަމަޖެހުމާ، އުޅުންތަކާ ގުޅުންތައް އޮންނަންވާގޮތަށް އަލުން އިއާދަކޮށްދިނުމުގެ މަސައްކަތްކަމަށް ވިދާޅުވިއެވެ.
ވެލިދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވި މި ބައްދަލުވުމުގައި، ރައީސް ވަނީ މި މަސައްކަތް ކުރިއަށްގެންދިއުމުގައި، ރައްޔިތުންގެ ފަރާތުން އިންތިޚާބުކޮށްފައި ތިބޭ މެންބަރުންގެ އެއްބާރުލުން ފުރިހަމައަށް ބޭނުންވާކަމަށް ހާމަކުރައްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ރަށްރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަސައްކަތްތަކުގައި ބައެއް މެންބަރުންގެ އެއްބާރުލުން ލިބެމުން ނުދެއެވެ. އަދި ބައެއް މަސައްކަތްތައް ހުރަސްއަޅާ ލަސްކުރުމަށް ގަސްތުގައި މަސައްކަތްކުރާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައްޔިތުން ހޮވުމަށްފަހު، ކޮންމެ ޕާޓީއަކުން ހޮވުނުނަމަވެސް ދެން ޚިދުމަތް ކުރަންޖެހޭނީ ހުރިހާ ރައްޔިތުންނަށް. ސަރުކާރު ޚިޔާލު ތަފާތުވުމަކީ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ހުރަހަކަށް ވެގެން ނުވާނެ. އެހެން ވިއަސް، ސަރުކާރުން މިދަނީ އެކަމަށް ދޫނުދީ ރަށްރަށުގެ ތަރައްޤީއަށް މަސައްކަތް ކުރަމުން. މި ދަތުރުންވެސް މި ފެންނަނީ އެކަން. މެންބަރުންގެ އެއްބާރުލުން ނުލިބުނަސް ސަރުކާރުން ކުރާނެ. އެކަމަކު އެ އެއްބާރުލުން ލިބުނީމާ މާ ބާރަށް މަސައްކަތްތައް ކުރިއަށް ދާނެ
ރައީސުލްޖުމްހޫރިއްޔާ
ރައީސް ވިދާޅުވީ އެދެނީ ޚިޔާލު ތަފާތުވިނަމަވެސް، ޒިންމާދާރުކަމާއެކު ރައްޔިތުންގެ ލާބައަށް މަސައްކަތްކުރުމަށެވެ. އަދި ކޮންމެ މީހަކުވެސް ޒާތީ ކަންކަމަށްވުރެ ޤައުމު އިސްކުރާ ބަޔަކަށްވުމަށް ރައީސް ގޮވާލެއްވިއެވެ. މިނިވަން ދުވަހާ ކުރިމަތިލާއިރު، މިނިވަންކަން ހިތުގައި ބިންވަޅުނަގާ، އަމިއްލަ ނަފްސަށްވުރެ ޤައުމު އިސްކުރަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޤައުމީ ލޯތްބާއި ޤައުމީ ވާޖިބު އަދާކުރުމުގެ އިޙްސާސާއި އެ ޢަޒުމު އަށަގަތް މިންވަރުން މެނުވީ، ޤައުމުގެ ކުރިމަގުގެ ދަރިންނަށް އެ ރައްކާތެރިކަން ފޯރުކޮށްނުދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މަޝްރޫޢުތައް ކިތަންމެ ގިނައިންވެސް ހިންގިދާނެކަމަށާއި ނަމަވެސް ސިކުނޑި ތަރައްޤީވެގެން ނޫނީ މި ބަދަލު ނުގެނެވޭނެކަމަށެވެ. ވަށާޖެހޭ ތަރައްޤީ އަންނާނީ އަމިއްލަ ނަފްސާ ހަމައިން ނިންމާ ނިންމުމުންކަމަށް ރައީސް ވިދާޅުވިއެވެ.
ސިޔާސީ އޮއިވަރަކީ ޤައުމީ ލޯބީގެ ކުރިމަތީގައި އެއްވެސް މާނައެއް ހުރި އެއްޗެއް ނޫން. ދިވެހިން އިސްކުރަންވީ ދިވެހިވަންތަކަން، އިސްލާމް ދީން، ދިވެހި ބަސް، އަމިއްލަވަންތަކަމާ ޤައުމިއްޔަތު. އެކަން އިސްކޮށްގެން ނޫނީ، ކިތައްމެ މަގެއް، ބަނދަރެއް، ހޮސްޕިޓަލެއް އެޅިޔަސް، މި ބޭނުންވާ ބަދަލު ނުފެންނާނެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ވެލިދޫ ރައްޔިތުންނަށް ޔަގީންކަން ދެއްވީ، އެމަނިކުފާނަކީ ކިތަންމެ ކުޑަ އާބާދީއަކަށްނަމަވެސް، އެއްވެސް ތަފާތުކުރުމެއް ނެތި ރައްޔިތުންނަށް ޚިދުމަތްކުރާނެ ވެރިއެއްކަމަށެވެ. ކިތަންމެ ކުޑަ އާބާދީއެއްވިއަސް މުހިންމީ، އެރަށެއްގެ ރައްޔިތުންގެ ހިތްހަމަޖެހުމާ ކުރިއެރުމާ އުފާ ފާގަތިކަންކަމަށް ރައީސް ވިދާޅުވިއެވެ.