ޚަބަރު
ޕޯސްޓްމޯޓަމަށްފަހު އަބްދުއްރަޙްމާންގެ ހަށިގަނޑު މާލެ ގެނަސްފި

އަބްދުއްރަޙްމާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންދަނީ---
އއ. މާޅޮހުގެ ގެއެއްގެ ތެރޭގައި ނިދާފައިވާ އޮތްވާ ބޮލަށް އަނިޔާ ދިނުމުގެ ސަބަބުން ފަރުވާ ކުރަމުން ދަނިކޮށް ނިޔާވި އަބްދުއްރަޙްމާން އާދަމްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކާ އިންޑިއާއަށް ގެންދިއުމަށްފަހު އަނބުރާ މާލެ ގެނަސްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އަބްދުއްރަޙްމާންގެ ޕޯސްޓްމޯޓަމް ހެދީ، އޭނާގެ މަރުގެ ހަޤީޤަތް ހޯދުމަށާއި އެ މައްސަލައިގެ ތަޙުޤީގަށް ބޭނުންވާ ހެކި ހޯދުމަށްކަމަށެވެ.
އުމުރުން 65 އަހަރުގެ އަބްދުއްރަޙްމާންގެ ހަށިގަނޑު ތަހުޤީޤަށް މާލެ ގެނައީ މި މަހުގެ 13 ވަނަ ދުވަހެވެ. އަދި އިންތިޒާމްތައް ހަމަޖެއްސުމަށްފަހު ޕޯސްޓުމޯޓަމް ހެދުމަށް އިންޑިއާގެ ތްރިވަނަންތަޕޫރަމަށް ފޮނުވާފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ވިދާޅުވީ، މާލެ ގެނައުމަށްފަހު އަބްދުއްރަޙްމާންގެ ހަށިގަނޑު ރޭގެ 7:50ގައި މޯޗަރީއަށް ލާފައިވާކަމަށެވެ.
އަބްދުއްރަޙްމާން ނިޔާވީ، އޭނާ ނިދާފައި އޮށްވާ ބޮލަށް ދިން އަނިޔާއަކާ ގުޅިގެން އެ ރަށު ހެލްތު ސެންޓަރުގައި ފަރުވާ ހޯދަމުން ދަނިކޮށް، ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ރޭ މެންދަމު 01:50 ހާއިރެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒަޚަމްތަކަކާއެކު ފެނިފައިވާ ޢަބްދުއްރަޙްމާން ދިރިއުޅެމުން ދިޔައީ އޭނާގެ އަނބިމީހާއާ އެކުގައެވެ.