ޚަބަރު
މަގުމަތީ އުޅޭ ބުޅާތަކަށް ގޯނާކޮށް، ހާނިއްކަ ނުކުރުމަށް ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން އިލްތިމާސް ކޮށްފި

ފޮޓޯ: އިންޓަރނެޓް

ފަރުދުން
23 ޖުލައި 2025، 02:31
23 ޖުލައި 2025، 02:31
މަގުމަތީ އުޅޭ ބުޅާތަކަށް ގޯނާކޮށް، ހާނިއްކަ ނުކުރުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން އިލްތިމާސް ކުރައްވައިފިއެވެ.
އެވުޒާރާއިން ވިދާޅުވީ މިހާރަކަށް އައިސް މާލޭސިޓީގެ މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތަކަށް ބައެއް ފަރާތްތަކުން ގޯނާކޮށް، ހާނިއްކަކުރުމުގެ އިތުރުން އެސޮރުމެން މަރާކަމުގެ ޝަކުވާތައް އެ މިނިސްޓްރީއަށް ލިބެމުންދާކަމަށެވެ. އެގޮތުން، މިއީ ޖަނަވާރުގެ ދުޅަހެޔޮކަމުގެ މިންގަނޑުތަކާ ޚިލާފު ޢަމަލަކަށްވާތީ، މިކަން ނުކުރުމަށް އިލްތިމާސްކުރައްވާފައިވެއެވެ.
ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ، ޖަނަވާރުގެ ދުޅަހެޔޮކަމުގެ މަފްހޫމަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގެންފައިވާ، ޖަނަވާރަށް ލިބިގެންވާ ފަސް މިނިވަންކަން ކަމުގައެވެ. އެއީ:
1- ހައިހޫނުކަމާއި، ކަރުހިއްކުމާއި، ކާޑުބަލިން މިންޖުވުމުގެ މިނިވަންކަން.
2- ބިރުގަތުމާއި، ހާސްވުމާއި، ކަންބޮޑުވުމުން މިންޖުވުމުގެ މިނިވަންކަން.
3- ޖިސްމާނީ ގޮތުން އަރާމުނުލިބުމުން މިންޖުވުމުގެ މިނިވަންކަން.
4- ވޭނާއި، ހާނީއްކައާއި، ބަލިން މިންޖުވުމުގެ މިނިވަންކަން.
5- އާދަވެގެން ޖަނަވާރު އުޅޭ އުޅުމަށް އެޅޭ ހުރަސްތަކުން މިންޖުވުމުގެ މިނިވަންކަން.
މިނިސްޓްރީން ވިދާޅުވީ، އޮޅުކޮށް އެކުގައި ގެންގުޅޭ ޖަނަވާރަކީ، ވަކި ބާވަތެއްގެ ކާނާ ކާންދީގެން، އާދަވެގެން ޖަނަވާރު އުޅުމުގެ ސުލޫކު ވަކިގޮތަކަށް ބައްޓަންކޮށްގެން އަޅައިލުމާއި، ލޯބިދީގެން ހޭހަންކޮށްގެން ގެންގުޅޭ އެއްޗަކަށްވާތީ މަގުމައްޗަށް ދޫކޮށްލުމުން އެސޮރުމުންނަށް ލިބެމުން ދިޔަ އަޅައިލުމާއި، ލޯބިން މަޙުރޫމުވާކަމަށެވެ. މީގެނަތީޖާއަކަށްވަނީ ކަންބޮޑުވުމާއި، ހިތްދަތިކަން އިޙުސާސްކުރަންޖެހުމުގެ އިތުރުން އާދަވެގެން ކަމުންދިޔަ ކާނާ ނުލިބުމާއި، އުޅެމުންދިޔަ އަމާން، އަރާމު ވެށި ގެއްލުމުގެ ސަބަބުން އިންސާނުންނާ ދޯޅުވެ، ގާތުގައި އުޅުން ކަަމަށް ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ޖަނަވާރަކީ އިންސާނުންނާއެކު އެމީހުންގެ ވެށީގައި ދިރިއުޅޭ، ބުއްދިއެއްނުވާ އެއްޗަކަށްވާތީ ވަރަށް ގިނަ ފަހަރަށް އެސޮރުމެންގެ ކިބައިން އިންސާނުންނަށް އުނދަގޫތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، މިފަދަ ޙާލަތްތަކުގައި އެސޮރުމެންނަށް ހާނީއްކަކުރުމަކީ އިންސާނިއްޔަތުކަމުގެ ގޮތުން ބަލާއިރު ކޮށްގެންވާނޭ ކަމެއްނޫންކަމަށް ވިދާޅުވިއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވީ ދުނިޔެއަކީ އިންސާނުންނާއި، ޖަނަވާރުންވެސް އުޅެން އޮތް ތަނަކަށްވާއިރު ހުރިހާ ޖަނަވާރަކަށްވެސް ރައްކާތެރި، ރަނގަޅު ތަނަކަށް ހެދުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ބާރުއަޅާކަމަށެވެ. މިގޮތުން، މާލޭސިޓީގެ މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތަކަށް ރައްކާތެރި މާޙައުލެއް ހޯދައިދިނުމަށްޓަކައި އެ މިނިސްޓްރީން ހުޅުމާލޭ ފޭސް 2 ގައި ޤާއިމުކޮށްފައިވާ އޮޅުހިޔާއަށް އިތުރަށް ބުޅާ ވެއްދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އެވުޒާރާއިން ހާމަކުރެއެވެ.
ޖަނަވާރަށް ރަޙުމުކޮށް، އޯގާތެރިކަމާއި، އަޅާލުމާއި، އިންސާނިއްޔާތުކަމާއެކީ ޢަމަލުކުރުމަށް އިސްލާމްދީންވެސް ބާރުއަޅައެވެ. މިގޮތުން އިސްލާމްދީނުގައިވަނީ ޖަނަވާރަށް ޙައްޤުތަކެއް ކަށަވަރުކޮށްދީފައެވެ. އޯގާތެރިވުމުގެ ޙައްޤާއި، ރަޙުމުކުރުމުގެ ޙައްޤާއި، ދިރިއޮތުމުގެ ޙައްޤު ހިމެނެއެވެ. މިޙައްޤުތަކަކީ އިންސާނުންނަށްވެސް ލިބިދީފައި ޙައްޤުތަކެކެވެ.