ޚަބަރު
ފޮއްދޫ ބަނދަރު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

ފޮޓޯ: އެމްޓީސީސީ

ފަރުދުން
23 ޖުލައި 2025، 01:14
23 ޖުލައި 2025، 01:14
ނ. ފޮއްދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ޢަަމަލީ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ރަސްމީކޮށް ފަށައިފި ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ ފޮއްދޫ ބަނދަރު ހެދުމުގެ މަސައްކަތަކީ ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، އެ މިނިސްޓްރީން އެމްޓީސީސީއާއި ޙަވާލުކޮށްފައިވާ މަޝްރޫޢުއެއްކަން ފާހަގަކުރައްވާފައެވެ. މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ 53،754،575.40 ރުފިޔާގެ އަގަށް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައިވެ އެވެ. މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ 390 ދުވަސް ތެރޭގައި ނިންމާގޮތަށް ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
މިނިސްޓްރީން އިތުރަށް ބުނިގޮތުގައި މި މަޝްރޫޢުގެ ދަށުން އަލަށް ހަދާ ބަނދަރު ފުންކޮށް 460 މީޓަރުގެ ކީވޯލް (ވާޓަރު) ޖެއްސުމާއި ބޭތު ތޮށި (ސޭންޑް ފިލްޑް) ހެދުން ކުރިއަށްދާނެއެވެ. އަދި ބަނދަރުގެ ޕޭވްމަންޓާއި މަގު ބައްތި އަދި ނެރު ބައްތި ޖެހުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެ އެވެ.
މި މަސައްކަތުގެ ދަށުން ކުރާ އިތުރު މަސައްކަތްތަކަށް ބަލާއިރު ބޭރުތޮށްޓާއި އިންވެގެން ޑިންގީ ފަދަ ކުދި އުޅަނދު އެޅުމަށް 150 މީޓަރުގެ ޖެޓީއެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. މީގެ އިތުރުންވެސް، ރަށުގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ ގޮތުން ވައި-ގްރޮއިން އެއް ޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް ބަޔާނުގައިވެ އެވެ.