ޚަބަރު
ފޮއްދިއްޕަރު ފަޅުގެ ނަފާ ފޮއްދޫ ރައްޔިތުންނަށް ލިބޭނެ: ރައީސް

ނ. ފޮއްދޫ ރައްޔިތުންނާ މުޚާޠަބު ކުރައްވާ ރައީސުލްޖުމްހޫރިއްޔާ މިއަދު ވާހަކަފުޅު ދައްކަވަނީ.

ފަރުދުން
23 ޖުލައި 2025، 01:11
23 ޖުލައި 2025، 01:11
ފޮއްދިއްޕަރު ފަޅުގެ ނަފާ ނ. ފޮއްދޫ ރައްޔިތުންނަށް ވަރަށް އަވަހަށް ލިބިގެން ދާނޭ ކަމަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނު ނ. ފޮއްދޫ އަށް މިއަދު ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. ރައީސުލްޖުމްހުރިއްޔާ ފޮއްދޫ އަށް ކުރެއްވި މި ދަތުރުފުޅަކީ، ނޫނު އަތޮޅުގެ ރަށްތަކަށް ސިލްސިލާ ގޮތެއްގައި ކުރައްވަމުން ގެންދަވާ 9 ވަނަ ދަތުރުފުޅެވެ. މިދަތުރުފުޅުގައި ފޮއްދޫގެ ތަރައްޤީ އަށް މުހިންމު މަޝްރޫޢުތަކެއް އިފްތިތާޙު ކުރެވިފައިވާ އިރު، ފޮއްދިއްޕަރު ފަޅުގެ ނަފާ ފޮއްދޫ ރައްޔިތުންނަށް ލިބިގެންދާނޭ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ވަނީ އަރުއްވާފައެވެ.
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ގެ ރައްޔިތުންނަށް، އެރަށުގެ ގާތުގައި އޮންނަ ފޮއްދިއްޕަރު ފަޅުން އާމްދަނީ ލިބޭނޭ ގޮތްތައް ފަހިކޮށްދެއްވުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. ފޮއްދޫ ރައްޔިތުންނާ މުޚާޠަބުކުރައްވަމުން ރައީސް މިއަދު ވިދާޅުވީ، އެމަނިކުފާނުގެ ސިޔާސަތުގައި ދިވެހި ރަށްތައް ތަރައްޤީ ކުރެއްވުމުގައި ތަފާތުކުރުމެއް ނުގެނެގުޅުއްވާ ކަމަށެވެ. އެގޮތުން، ނިސްބަތުން އާބާދީ މަދު ރަށްތަކުގެ ރައްޔިތުންނަށް ވެސް އެމީހުންގެ ބޭނުންތައް ފުއްދަވައިދެއްވާނޭ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ފޮއްދިއްޕަރަކީ ފޮއްދޫގެ ގާތުގައި އޮންނަ ފަޅު ރަށެކެވެ. އެރަށް ތިމާވެށްތާ ބެހޭ ވުޒާރާއިން 2019 ވަނަ އަހަރު ވަނީ ޙިމާޔަތް ކޮށްފައެވެ. ވީމާ، ތިމާވެށްޓާ ބެހޭ ވުޒާރާގެ ޝަރުޠުތަކާ އެއްގޮތަށް މިރަށުން އާމްދަނީ ހޯދޭނޭ ގޮތްތަކުގެ ޕުލޭނެއް އެކުލަވާލައި، ފޮއްދިއްޕަރުފަޅުގެ ނަފާ އެންމެ ފުރިހަމަ ގޮތުގައި ފޮއްދޫ ރައްޔިތުންނަށް ހޯއްދަވައިދެއްވާނޭ ކަމަށް ރައިސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.