ޚަބަރު
ފޮއްދޫގައި ހަތަރު މަޝްރޫޢުއެއް އިފްތިތާހްކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑޜ. މުޙައްމަދު މުޢިއްޒަށް ނ. ފޮއްދޫ ރައްޔިތުން މަރުހަބާ ކިޔުމުގެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް

ފަރުދުން
23 ޖުލައި 2025، 10:53
23 ޖުލައި 2025، 10:53
ނ. ފޮއްދޫގައި ސަރުކާރުން 4 މަޝްރޫޢުއެއް އިފްތިތާހްކޮށްފިއެވެ.
މިއަދު ހެނދުނު ފޮއްްދޫގައި މި މަޝްރޫޢުތައް އިފްތިތާހުކުރައްވާފައިވަނީ މިހާރު އަތޮޅުތެރޭގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން ފޮއްދޫގައި ފައްޓާފައިވާ ހަތަރު މަޝްރޫޢުތަކަކީ އެރަށުގެ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރާއި ޕޮލިސް ސްޓޭޝަނާއި ބަނދަރާއި ޞިއްޙީ މަރުކަޒު ތަރައްޤީކުރުމުގެ މަޝްރޫޢުއެވެ.
ފޮއްދޫ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރު އިމާރާތުގެ ބިންގާ އަޅުއްވާފައިވަނީ ކުޅިވަރާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. ފޮއްދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅުއްވާފައިވަނީ ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. ފޮއްދޫގައި އަލަށް އިމާރާތްކުރާ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުއްވުމުގެ ރަސްމިއްޔާތު، ދާޚިލީ ވަޒީރު ޢަލީ އިޙްސާން ފައްޓަވާދެއްވާފައިވާއިރު ފޮއްދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ފައްޓަވާދެއްވާފައިވަނީ ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
މި ރަސްމިއްޔާތުތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އެމަނިކުފާނުގެ އަރިހުގައި މިލަދުންމަޑުލު ދެކުނުބުރިއަށް ވަޑައިގެންނެވި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.