ޚަބަރު
ސްޓޫޑެންޓް ލޯނަށް ހޮވުނު ދަރިވަރުންގެ ލިސްޓް އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި

ވިލާކޮލެޖްގެ ދަސްވެނިމުމެއްގެ ތެރެއިން. ފޮޓޯ: ވިލާ ކޮލެޖް
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ހޮވުނު ދަރިވަރުންގެ ވަގުތީ ލިސްޓް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން އާންމުކޮށްފިއެވެ.
މި ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަންނަ އޮގަސްޓް 3 ވަނަ ދުވަހުގެ 13:00 އަށް ހަމަވާގޮތަށް ވަނީ ހުޅުވާލާފައެވެ.
މި އަހަރުގެ ސްޓޫޑެންޓް ލޯނު ސްކީމްގެ ދަށުން ހުޅުވާލެވުނު 500 ފުރުސަތަށް ޖުމްލަ 1,338 ދަރިވަރުން ވަނީ ކުރިމަތިލާފައެވެ. މީގެ ތެރެއިން ލޯނުގެ ޝަރުތު ހަމަވަނީ 806 ދަރިވަރުންނެވެ. ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ލޯނަށް ހޮވުނު ދަރިވަރުންގެ ވަގުތީ ލިސްޓް އެ ވުޒާރާގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.
ވުޒާރާއިން ފާހަގަކުރައްވާފައިވާ ގޮތުގައި، އެޕްލިކޭޝަންގެ ސްޓޭޓަސް ބަދަލުވުމާއެކު އެކަން ދަރިވަރުންނަށް މެސެޖަކުން އަންގަމުން ގެންދާނެއެވެ. އަދި ލޯނަށް ނުހޮވޭ ދަރިވަރުންނަށް ނުހޮވުނު ސަބަބުވެސް ވެބްސައިޓް މެދުވެރިކޮށް ބެލޭނެއެވެ.
ޚާއްސަކޮށް ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ރާއްޖެއިން ޕައިލެޓް ސްޓަޑީސް ހެދުމަށް ހުޅުވާލާފައިވާ 10 ޖާގައަށް ޝަރުތު ހަމަވި ދަރިވަރުންނާއި، އެހެނިހެން ދާއިރާތަކަށް އެދުނު ދަރިވަރުންގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް އެ ފުރުސަތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.
މި އަހަރުގެ ލޯނު ސްކީމްގައި އިތުރު ޚާއްސަ ކަމެއްގެ ގޮތުގައި، ލޯނުތައް "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ނިންމާފައިވުމާއެކު، އިންޓްރަސްޓާއި އެޑްމިނިސްޓްރޭޓިވް ފީ ނުނެގުމަށް ވަނީ ނިންމާފައެވެ. މި ލޯނު ސްކީމްގެ ދަށުން ދަރިވަރުންނަށް އެ ދަރިވަރަކު ބޭނުން ޤައުމެއްގައި ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.